ސެޕްޓިކް ޓޭންކަކީ ކޮންކްރީޓް، ފައިބަރގްލާސް ނުވަތަ ޕްލާސްޓިކުން ހަދާފައިވާ ބިމުގެ އަޑީގައި ގާއިމްކުރާ ޗެމްބާއެކެވެ. އެއީ ނަރުދަމާ އަދި ކުނި ސާފުކުރުމަށް ދައުރުވާ ގޮތަށް ބަހައްޓަފައި ހުންނަ ޓޭންކެކެވެ.
އިންޑިއާގެ ފުލުހުން ބުނީ ހަށިގަނޑު ފެނުނުއިރު ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމުގެ ނިޝާންތައް ފެނުނު ކަމަށާއި އޭނާ ފެނިފައިވަނީ ބިޖާޕޫރުގެ މަގު ހެދުމުގެ ކޮންޓްރެކްޓަރެއްގެ ބިމުން މިދިޔަ ހުކުރު ދުވަހު ކަމަށެވެ.
އުމުރުން 28 އަހަރުގެ މި ނޫސްވެރިޔާ މަޝްހޫރުވެފައިވަނީ އިންޑިއާގެ ޗައްތިސްގަރު ސްޓޭޓުގައި ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓް ކުރުމަށެވެ. އަދި އޭނާ އައީ މަޝްހޫރު ޔޫޓިއުބް ޗެނަލް، ބަސްތާރު ޖަންކްޝަން ހިންގަމުންނެވެ.
ޗައްތިސްގަރު ސްޓޭޓްގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ވިޖޭ ޝަރްމާ ވިދާޅުވީ މުކޭޝްގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ސްޕެޝަލް އިންވެސްޓިގޭޝަން ޓީމެއް (އެސްއައިޓީ) އެކުލަވާލާފައިވާކަމަށެވެ.
މިހާތަނަށް ތިން މީހަކު ހައްޔަރު ކުރި ނަމަވެސް މުކޭޝްގެ ހަށިގަނޑު ފެނުނު ކޮމްޕައުންޑް ބިމުގެ ވެރިފަރާތް ފިލައިގެން އުޅޭ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާގެ ހަށިގަނޑު އޮތް ޖަންކަޝަންގެ މަތިގަނޑު ވަނީ ކޮންކްރީޓް ޝީޓަކުން ބަންދުކޮށްފަ އެވެ.
ފުލުހުން ބުނީ އޭނާގެ ހަށިގަނޑުން ވަރަށް ބޮޑެތި ޒަހަމްތަކެއް ފެނިފައިވާ ކަމަށާއި އެއީ ގަސްތުގައި ދީފައިވާ ހަމަލާތަކެެއްގެ ޒަހަމްތަކެއް ކަމަށެވެ.
ވެރިކަން ކުރާ ބީޖޭޕީގެ ޗައްތިސްގަރުގެ ޗީފް މިނިސްޓަރު ވިޝްނޫ ޑިއޯ ސައި ވަނީ މުކޭޝްގެ މަރަކީ "ހިތްދަތި" މަރެއް ގޮތަށް ސިފަކޮށް، އެކަން ކުރި ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް ވައުދުވެފަ އެވެ.
ކޮރަޕްޝަން ނުވަތަ ތިމާވެށި ހަލާކުވާ ކަމަށް ރިޕޯޓްކުރާ ނޫސްވެރިންނަށް ހަމަލާ ދިނުމަކީ އިންޑިއާގައި އާ ކަމެއް ނޫނެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ހިންގާ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި މިދިޔަ އަހަރު އިންޑިއާ އޮތީ 159 ވަނާގައި އެވެ.