ads
ހުޅުމާލެ ސަހަރާގައި ކޮނެފައި އޮތް ވަޅެއް: ސަހަރާގެ ބިމުގެ ވަރަށް މައްޗާ ހަމައަށް ފެންގަނޑު ހުރީ ހަރުލައިފައި - ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ފެން ނުހިނދޭތީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ހުއްޓާލައިފި
މިދިޔަ ހަފުތާގައި ކުރި ގަދަ ވިއްސާރަ އަށް ފަހު ބިމު އަޑިން ފެންގަނޑު އަދިވެސް ނުހިނދޭތީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ހުއްޓާލައިފި އެވެ.
Advertisement

ގަދަ ވިއްސާރާގައި ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ، މީހުން ވަޅުލަން ދަތިވާ މައްސަލަ މިހާރު ވަރަށް ބޮޑެވެ. މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ހަމަ މި މައްސަލަ ދިމާވެގެން އެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލި އެވެ. 

މާލޭ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެ ސަހަރާގެ ފެންފަށަލާގައި، 8 އިންޗި އާއި 9 އިންޗިއާ ދެމެދު މިންވަރަށް ފެން ހަރުލާފައި ހުރުމުގެ ސަބަބުން ކަށްވަޅު ކޮނެ، ސަންދޯއް ބެހެއްޓުމަށް ދަތިވެފައިވާ ކަމަށެވެ.

އެހެންވެ، މި ވަގުތަށް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލެވެން ނެތް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މި މައްސަލަ ހައްލުވަންދެން މީހުން ވަޅުލުން ކުރިއަށްދާނީ މާލޭ އާސަހަރާގައި ކަމަށެވެ. 

މާލެ ސަރަހައްދަށް ވިއްސާރަކޮށް މޫސުން އޮތް ދުވަސްވަރަކަށް ވުމުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލަން ފަށާނީ މޫސުން އަލިވުމުން ކަމަށް ބެލެވެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް