ads
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅަމުންދާ ފްލެޓްތައް
ގެދޮރުވެރިޔާ ސްކީމުގެ ފްލެޓު ލިސްޓު ރޯދައިގެ ކުރިން އާންމުކުރެވޭނެ: ރައީސް
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގަައި އިމާރަތްކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު ކުރިއަށް އޮތް ރޯދަމަހުގެ ކުރިން އާންމުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އެހެން ވިދާޅުވީ، ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު މިއަދު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތުމުގެ ކުރިން، އެ މަނިކުފާނާ އެކު ދިޔަ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެއީ އެއްވެސް ރައްޔިތަކަށް ދިން ގޯއްޗާއި ފްލެޓް އަތުނުލައި ހައްގުވެރިންނަށް ފްލެޓް ދިނުމަށް އެ މަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ވީހާ ވެސް އަވަހަކަށް އެ 4،000 ފްލެޓްގެ ކަންތައް ނިންމައި ހަވާލު ކުރެވޭނެ ކަމަށް. ރޯދައިގެ ކުރިއަށް [ފްލެޓް ލިސްޓް] އިރާދަކުރެއްވިއްޔާ އިއުލާން ކުރުމަށް ހަމަ މި މަސައްކަތް ކުރަމުންދަނީ. އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭނެ [ލިސްޓް އިއުލާން ކުރެވޭނެ] ކަމަށް،" ރައީސް ވިދާޅުވި އެވެ.

ފްލެޓު ލިސްޓު މިދިޔަ ނޮވެމްބަރު މަހު އިއުލާނު ކުރައްވާނެ ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވި ނަމަވެސް އަހަރު ނިމުނުއިރު ވެސް އެ ލިސްޓު އާންމުކޮށްފަ އެއް ނުވެ އެވެ.  

ހައުސިން މިނިސްޓްރީން ބުނީ ފްލެޓަށް އެދި ހުށަހަޅާފައިވާ 20،697 ފޯމު ބެލުމުގައި ކަށަވަރުކުރަންޖެހޭ ގިނަ ކަންކަން ހުރުމުން އިތުރު މުއްދަތެއް ބޭނުންވާ ކަމަށެވެ. އަދި އިތުރު މުއްދަތެއް ނަގާނެ ކަމުގައި ވިޔަސް، ފްލެޓްތައް ލިބެންވާ ހައްގުވެރިންނަށް ލިބޭކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ ކަމަށް ނެރުނު ލިސްޓު އަލުން ބެލުމަށް ފަހު އާންމުކުރުން ލަސްވަނީ އުސޫލާ ހިލާފަށް އެތައް ބަޔަކު ލިސްޓުގައި ހިމަނާފައިވާތީ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އެކަމާ ގުޅޭ ތަހުގީގެއް ފުލުހުންނާއި އޭސީސީން ވެސް ކުރިއަށް އެބަގެންދެ އެވެ.

އޭސީސީން ބުނެފައިވަނީ ކުރިން ނެރުނު ދާއިމީ ލިސްޓުގައި ހިމެނޭ 60 ޕަސަންޓު މީހުންނަކީ މަކަރާއި ހީލަތުން ފްލެޓް ހޯދި މީހުން ކަމަށެވެ. އެހެންކަމުން އެ ލިސްޓު އަލުން މުރާޖައާ ކުރުމަށް އޭސީސީން ވަނީ އަންގާފަ އެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް