ފޭސްބުކްގައި ޝެއާކުރި ޕޯސްޓެއްގައި ނިއުމާ ބުނީ މި ދުވަސްތަކަކީ އޭނާގެ ހިތަށް ނާރާ ފަދަ ގޮތަކަށް ދިރިއުޅުން ބަދަލުވެގެން ދިޔަ ދުވަސްތަކެއް ކަމަށެވެ. އަދި މިހާރު އޭނާގެ ދިރިއުޅުންވެސް މާލެއާ ދުރަށް ބަދަލުކޮށްފައިވާކަމަށެވެ.
ނިއުމާ ހާމަކުރި ގޮތުގައި ފާއިތުވީ ތިން އަހަރު އޭނާއަށް ވަނީ ނިދި ގެއްލިފައެވެ. އަދި ޑިޕްރެޝަންގެ ސަބަބުން ހާލު ދަށްވެ، މަގުމަތީގައި ހިސާބު ވެސް ގެއްލިފައިވާ ކަމަށް ބުންޏެވެ. ނަމަވެސް މި ދަތި ދުވަސްތަކުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އޭނާގެ ކޮއްކޮ ސިނާނުގެ ދެމަފިރިންގެ ފަރާތުން ކަމަށް ފާހަގަކުރިއެވެ.
މިހާރު އޭނާ ވަނީ މި ހާލަތުން އަރައިގަނެ، އާ ފެށުމަކާ ހަމައަށް އައިސްފައެވެ. އަދި މިވަގުތަކީ އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކޮށް ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ.