މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި މި ކުންފުނިތަކުން އުސޫލާ ހިލާފުވެފައިވާ މިންވަރަށް ބަލައި، އަންނަ ހަފުތާގައި އުސޫލުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެއެވެ. މިއީ އޮކްޓޫބަރު 9 ގައި ގެޒެޓްކުރެވުނު އުސޫލާ އެއްގޮތަށް އަމަލުނުކުރުމުން އަޅާ ފިޔަވަޅުތަކެކެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ދާދި ފަހުން އުމްރާވެރިން ހާލުގައި ޖެއްސި 'އަލްހިޖްރާ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް'ގެ ހުއްދަ ހިފަހައްޓައި، 100،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި އެ ގްރޫޕްގެ އެއްވެސް ހިއްސާދާރެއް ހިމެނޭ ކުންފުންޏަކަށް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށްވެސް ނިންމާފައިވެއެވެ.
މިނިސްޓްރީން ބުނީ އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އުމްރާވެރިންގެ ރައްކާތެރިކަމާއި ދަތުރުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.