އޭނާ ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިއަދު މިކަން ސާފުކޮށްދެއްވަމުން ވިދާޅުވި ގޮތުގައި މި މައްސަލަ އަކީ ކޮންމެ އަހަރެއްގެ ފަހުކޮޅުވެސް ދިމާވާ މައްސަލައެކެވެ. ހާއްސަކޮށް ޕާޓީތަކުން މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރާއިރު ރަށްރަށުން ޕާޓީތަކުގެ އޮފީސްތަކަށް ލިބޭ ފޯމުތައް ކަށަވަރުކުރުމުގައި ދަތިތަކެއް ހުންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު މި މައްސަލަ ހައްލުކުރުމަށް އީފާސް މެދުވެރިކޮށް އޮންލައިންކޮށް ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން ޕާޓީ ރަޖިސްޓްރޭޝަން އީފާސް ޕޯޓަލަށް ބަދަލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އިލެކްޝަންސް ކޮމިޝަނުގައި ހުރި ވަސީލަތްތަކުން ފޯމުގައި ޖަހާފައި ހުންނަ ފޯނު ނަންބަރާއި ހެކިންގެ މައުލޫމާތާއި އިނގިލީގެ ނިޝާން ކަށަވަރު ނުކުރެވޭ ކަމަށާއި އެކަން ހައްލުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެތައް އަހަރެއް ވަންދެން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.