މި މައްސަލަ ހުށަހަޅާފައިވަނީ އެ ޕާޓީގެ 12 މެންބަރުންގެ ސޮޔާ އެކުގައެވެ.
އެމްޑީޕީން މައްސަލަ ހުށަހެޅި ސަބަބުގެ ގޮތުގައި ބުނެފައިވަނީ، ހޯމް މިނިސްޓަރު އިހުސާން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ކޮށްގެން ނުވާނެ ކަންތައްތަކެއް ކުރައްވައި، ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށެވެ.
މައްސަލައިގައި ފާހަގަކޮށްފައިވާ މައިގަނޑު ކަމަކީ، ރާއްޖޭގެ ކުންފުންޏަކުން ތައްޔާރުކޮށްފައިވާ އޮންލައިން އެކްސްޕެޓް ސިސްޓަމެއް އޮއްވައި، އެ ސިސްޓަމް ބޭނުން ނުކޮށް، ބިދޭސީންގެ ހުރިހާ ކަމެއް ބެލެހެއްޓުމުގެ މަސައްކަތް މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރި މައްސަލައެވެ. އެމްޑީޕީން ބުނާ ގޮތުގައި ބެސްޓިނެޓަކީ ބްލެކް ލިސްޓް ކުރެވިފައިވާ ކުންފުންޏެކެވެ.
އެމްޑީޕީން އިތުރަށް ބުނެފައިވަނީ، ރާއްޖޭގެ ކުންފުނިން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް ހަރަދު ކުޑަކޮށް އެ މަސައްކަތް ކުރެވެން އޮއްވައި، ބެސްޓިނެޓާ ހަވާލުކުރުމަކީ ދައުލަތަށް ލިބެންވާ ފައިދާއަށް އުނިކަން ލިބޭނެ ކަމެއް ކަމަށެވެ. އަދި މިއީ ގާނޫނުލް އުގޫބާތުގެ 517 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ކުށުގެ އަމަލެއް ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.