
ކުރިން ތައްޔާރުނުވެ، އަދި ދުވަން ބޭނުންކުރާ ހެދުމާއި ބޫޓުވެސް ނެތި، ކުރީގެ މެރަތަން ޗެމްޕިއަން އަދި ކުޅިވަރުގެ ހިދުމަތްތެރިޔާ ކުޑަ ހުސެއިން ފަސް ކިލޯމީޓަރުގެ ރޭހެއް ފުރިހަމަ ކުރީ، 25 މިނިޓުންނެވެ. މިއީ، ބިލަބޮންގް ސްކޫލުގެ ގްރޭޑް 10 ގެ ދަރިވަރުންތަކެއް އިންތިޒާމް ކުރި ފަން ރަންއެކެވެ.
މި ރޭހުގައި، ކުރިން ތައްޔާރުނުވެ ދުވި ސަބަބު ސޯޝަލް މީޑިއާގައި ކުޑަ ހުސެއިންވަނީ ކިޔައި ދެއްވާފައެވެ. ހުސެއިން ކިޔައި ދެއްވި ގޮތުގައި އެ ދުވުން އޮންނަ ސަރަހައްދަށް ދިޔައިރު، ރޭހުގައި ދުވުމުގެ އެއްވެސް ނިޔަތެއް އޭނާގެ ނެތެވެ.
ކުޅިވަރުގެ ހިދުމަތްތެރިޔާ އަދި ކުރިންވެސް ކުޅިވަރާ ގުޅުން ހުރި އެތައް ތަފާތު ޗެލެންޖްތައް ފުރިހަމަ ކުރައްވާފައިވާ ޑރ. ހުސެއިން އަށް، ބިބެއް ބައްލަވައިގަނެ، ނުދުވެ ހުރުން އެއީ އެއްބަސްވެވޭ ކަމަކަށް ނުވިއެވެ.
ކުރީގެ މެރެތަން ޗެމްޕިއަން ހުސެއިން ހަލީމް (ކުޑަހުސެން) ވަނީ ކޮވިޑު ދުވަސްވަރު، ސައުވީސް ގަޑިއިރު ތެރޭ ގޭގައި ސްޓޭޝަނަރީ ބައިސްކަލެއްވެސް ދުއްވަމުން ހަތިމެއްވެސް ކޮށްފައެވެ. އަދި އޭނާވަނީ އެ ދުވަސްވަރު، 15 ފޫޓްގެ ސިޓިން ރޫމެއްގައި ފުލް މެރަތަންއެއްވެސް ފުރިހަމަކޮށްފައެވެ.
2006 ވަނަ އަހަރު ނިއު ޒީލެންޑުން ސްޕޯޓްސް ސައިންސުން ޕީއެޗްޑީ ހާސިލްކޮށްފައިވާ ކުޑަހުސެންވަނީ ބައިސަކަލުގައި 10 ދުވަހުން 1000 ކިލޯމީޓަރު ކަޑައްތުކުރުމުގެ ޗެލެންޖެއްވެސް ފުރިހަމަކޮށްފައެވޗެ. އަދި ކުޑަހުސެއިންއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އަދި އުނދަގޫ އެއް ކުޅިވަރު ރޭސް ކަމަށްވާ އަޔަންމޭން ޓްރައިތެލޯން ފުރިހަމަކުރި ފުރަތަމަ ދިވެހި އެތުލީޓުވެސް މެއެވެ.