
2021 ގެ ހަމަ ނުޖެހުން ޓްރަމްޕް ސިފަ ކުރައްވާފައި އޮތީ ސުލުހަވެރި ހަރަކާތެއްގެ ގޮތުގަ އެވެ. ނަމަވެސް، އެ ދުވަހު ގިނަ އަދަދެއްގެ ފުލުހުންނަށް އަމަލާދީ، ކެޕިޓޯލް އިމާރާތަށް ގެއްލުން ދިނެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި އަނިޔާ ލިބުނު ޕޮލިސް އޮފިސަރަކު އޭގެ އެއް ދުވަސް ފަހުން މަރުވެފައިވެ އެވެ.
ރޭ ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު، ޓްރަމްޕް ވަނީ ފުލުހުންނަށް ހަމަލާދިނުމާއި ގައުމިއްޔަތާ ހިލާފު ރޭވުންތައް ހިންގުމުގެ އިތުރުން ހަރުކަށި އަދި ބޮޑެތި ކުށްތައް ސާބިތުވެފައިވާ މީހުންނަށް މައާފް ދެއްވައިފަ އެވެ. އަދި ކެޕިޓޮލް ހަމަނުޖެހުންތަކާ ގުޅިގެން ނުނިމި ހުރި ހުރިހާ ދައުވާއެއް ބާތިލުކުރުމަށް ބަންޑާރަ ނައިބަށް އަމުރުކުރައްވާފައިވެ އެވެ.
ބައިޑެން މަސައްކަތް ކުރެއްވީ އެ ހަމަލާގައި ބައިވެރިވި މީހުން ޖަވާބުދާރީ ކުރުވުމަށެވެ.
ގާނޫނު އަދާ މަޖިލީހުގެ އެ ދުވަހުގެ ޖަލްސާ އަށް ހުރަސް އެޅުމަށް ކެޕިޓޯލް އަށް ވަޑައިގަތުމަށް ޓްރަމްޕް ވެސް ބޭނުންވި އެވެ. ނަމަވެސް އެކަމަށް ހުރަސް އެޅީ އެ މަނިކުފާނުގެ ބޮޑީގާޑުންނެވެ.
ޓްރަމްޕް ވަނީ 6 ޖެނުއަރީ 2021ގައި ދިން ހަމަލާއާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ބަލާ ފަނޑިޔާރުންނާއި ދައުވާ އުފުލި ޕްރޮސެކިއުޓަރުންނަކީ އަނިޔާވެރި ބައެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ވެރިކަމުގެ ފުރަތަމަ ދުވަހު ޓްރަމްޕް ނިންމެވި އެހެން ބައެއް ކަންކަމުގެ ތެރޭގައި؛
- ޕެރިސް ކްލައިމެޓް އެގްރީމެންޓުން އެމެރިކާ ދެވަނަ ފަހަރަށް ވަކިވެފައިވާން ނިންމެވުން.
- ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގަމުން ދިޔަ މީހުންނާ ދެކޮޅަށް އެމެރިކާގެ ކުރީގެ ސަރުކާރުން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން.
- ޓްރަމްޕަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވެ ވަޑައިގަތުމުން ހިންގި ހަމަނުޖެހުންތަކުގައި، ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ ހަމަނުޖެހުން ހިންގައިގެން ހުކުމް އައި 1،500 މީހުންނަށް މާފު ދެއްވުން.
- ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ކިއުބާގެ ނަން، ކުރީގެ ރައީސް ޖޯ ބައިޑެން އުނިކުރައްވާފައި ވަނިކޮށް އެ ގައުމު އަލުން އެ ލިސްޓުގައި ހިމެނުން.
- ޓިކްޓޮކްގެ އެމެރިކާ އޮޕަރޭޝަން ޗައިނާ ނޫން ގައުމެއްގެ ބަޔަކަށް ވިއްކާލުމަށް ގާނޫނުން ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައި ވާތީ އެކަން ފުރިހަމަ ކުރުމަށް އިތުރު 75 ދުވަސް ދެއްވުން.
މި ކަންކަމުގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާއިން ޕެނަމާ ކެނަލް އަތުލާނެކަން ވެސް އިއުލާނުކުރައްވައިފަ އެވެ. އަދި އެމެރިކާގައި މިއަދުން ފެށިގެން ރަސްމީކޮށް ބަލައިގަންނާނީ "އަންހެން އަދި ފިރިހެން ޖިންސު އެކަނި" ކަމަށް އިއުލާނުކުރައްވައި، ޖިންސީ ހަމަހަމަކަން ގާއިމުކުރުމުގެ ނަމުގައި ސަރުކާރުން ހިންގަމުން ދިޔަ ޕްރޮގްރާމްތަކެއް ވެސް ހުއްޓާލަން ނިންމަވައިފަ އެވެ.