
ރައީސް ނަޝީދު އިއްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުން އެޕާޓިން ވަކިވުމުން ޕާޓީގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމު ވަނީ ހުސްވެފައެވެ. އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޕާޓިން ވަކިވެ ކުރީގެ ޕާޓީ އެމްޑީޕީއާ ވަނީ ގުޅިވަޑައިގެންފައެވެ.
ދަ ޑިމޮކްރެޓްސްގެ ތަރުޖަމާނުގެ ގޮތުގައި ހުންނެވި އިމްތިޔާޒު ފަހުމީ ވަނީ ޕާޓީގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް ކުރިމަތިލާން ނިންމިކަން ހާމަކޮށްފައެވެ. އަދި އެއާއެކު ޕާޓީގެ ސްޕޯކްސްޕާސަންކަމުން އިސްތިއުފާ ދީފައިވާކަމަށްވެސް އިންތި އެކްސްގައި ކުރި ޕޯސްޓެއްގައިވެއެވެ.
ޑިމޮކްރެޓްސްއިން ބުނީ ޕާޓީގެ ހުސްވެފައިވާ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމުގެ އިންތިހާބު އަންނަމަހުގެ 15 ވަނަދުވަހު ބޭއްވުމަށް ނިންމާފއިވާކަމަށެވެ. އަދި މި މަގާމުތަކަށް ވާދަކުރަން އެދޭ ޕާޓީގެ މެމްބަރުންނަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.
މި އިންތިހާބުގައި ވޯޓްލެވޭ މީހުންގެ ލިސްޓު މިމަހުގެ 22 ވަނަދުވަހު އާއްމުކޮށް ޝަކުވާއަށް ހުޅުވާލާނެކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ. އަދި ޝަކުވާތަކަށް ބެލުމަށްފަހު ދާއިމީ ލިސްޓް އިއުލާން ކުރާނީ މިމަހުގެ 27ގައިކަމަށްވެސް އެ ޕާޓީން ބުނެއެވެ.
ކުރިން އެމްޑީޕީގައި އިސް މަގާމުތަކުގައި ތިބުމަށްފަހު ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދި ދަ ޑިމޮކްރެޓްސް އުފެއްދި ބައެއް މެމްބަރުން ވަނީ އެޕާޓިން ވަކިވެ އަލުން އެމްޑީޕީއާ ގުޅިފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ފަހުން ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ފަހުން ޑިމޮކްރެޓްސެގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި މުހައްމަދު ޝިފާޒާއި، މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ އިތުރުން މިދިޔަ އެމްޑީޕީ ވެރިކަމުގައި އެސްޓީއޯގެ އެމްޑީކަން ކުރެއްވި ހުސައިން އަމްރު ހިމެނިވަޑައިގަންނަވައެވެ.