
ގަވައިދާ ހިލާފަށް އުޅެ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހާއްސަ ޓާސްކް ފޯހެއް އެކުލަވާލާ ބިދޭސީން އުޅެމުން ދިޔަ ތަންތަން ބަލާ ފާސްކުރަން ފެށި މިދިޔަ އަހަރުގެ ތެރޭގައެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް އުލެމުްނދިޔަ އަދި ވިޔަފާރިކުރަމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީން ، ޓާސްކް ފޯހުން ކުރިޔަށް ގެންދިޔަ އޮަރޭޝަންތަކުގައި ވަނީ އަތުލައިގެންފައެވެ.
އިމިގްރޭޝަނުން ބުނީ ޓާސްކުފޯހުން މިދިއަ އަހަރު ބަލައި ފާސްކުރި ތަންތަނުގައި މިހާރު ބިދޭސީން އުޅެމުންދަނީ ސައްހަ ވިސާއަކާއެކު ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް އަނެއްކާވެސް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަމަށެވެ. މިގޮތުން އިއްޔެ ދެ ތަނެއް ބަލާ ފާސްކުރިކަމަށާއި އެ ދެ ތަނުގައިވެސް މިހާރު ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީއެއް ނެތްކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5613 އަށްވުރެ ގިނަ ބިދޭސީން މިދިޔަ އަހަރު ޑިޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. ޑީޕޯޓްކުރި މީހުންގެ ތެރޭގައި ހިމެނެނީ ގަވާއިދާ ހިލާފަށް އުޅެމުންދިޔަ މީހުންނާއި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ މީހުންނެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ހަރަކާތްތެރިވި ބިދޭސީންނާއި، ހަށި ވިއްކުމާއި ޖިނާއީ ބޮޑެތި ކުށްތަކުގައި ޝާމިލުވި ބިދޭސީން ހިމެނެއެވެ.
ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް މަގާމާއި ހަވާލުވެޑައިގަތުމަށްފަހު ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.