ފުލުހުން ބުނީ މި އަހަރު އުމުރާއަށް މީހުން ގެންދާނެކަމަށް ބުނެ އަލްމަޝްއަރް ޕްރައިވެޓް ލިމިޓެޑުން 27 މީހުންގެ އަތުން 500،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ނަގާފައި ވާކަމަށެވެ. ފުލުހުން އެ ގްރޫޕްގެ މައްޗަށް މަކަރާއި ހީލަތް ހަދައި ފައިސާއަށް ހިޔާނާތްތެރިވެފައިވާތީ ދައުވާކުަރަން ފޮނުވާފައިވާކަމަށެވެ. އެ މައްސަލަ ޕީޖީއަށް ފޮނުވީ މިދިޔަ އާދިއްތަ ދުވަހުކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައިވަނީ އަލްމަޝްއަރް ޕްރައިވެޓް ލިމިޓެޑް ޖަމާއަތުގެ ވެރިޔާ، މ. ހަވީރީފިނި، އަލީ ފާރިޝްގެ މައްޗަށެވެ. މީގެއިތުރުން އަލްމަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ދެ ކުންފުންޏަކަށް ވެސް ދައުވާ ކުރަން އެދިފައިވާކަމަށް ފުލުހުން ބުނެއެވެ. އެއީ ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފްޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ. މި ހުރިހާ ކުންފުނީގެ އިސްވެރިޔަކީ އަލީ ފާރިޝްއެވެ.
އަލް-ހިޖުރަ ކިޔާ ގްރޫޕަކުން އުމްރާއަށް ގެންދިޔަ މީހުން ރާއްޖެ އަނބުރާ ނާދެވި މައްކާގައި ތާށިވި މައްސަލައެއް މިދިޔަ މަހު ފެންމަތިވިއެވެ. އެ ގްރޫޕުން ގެންދިޔަ 23 މީހުން އެންމެ ފަހުން ރާއްޖެ ގެނައީ ސަރުކާރުންނެވެ.