
ތިނަދޫ ސިޓީ ކައުންސިލުން ބުނީ އޭސީސީގެ ނަމުގައި ބަޔަކު ވަދެ ގިނަ އަދަދެއްގެ ތަކެތި އެ ކައުންސިލްގެ އިދާރާއިން ވަގަށް ނަގާފައިވާކަމަށެވެ.
ކައުންސިލުން އާއްމުކޮށްފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ކައުންސިލްގެ ބައެއް ފައިލްތަކާއި އެހެނިހެން ތަކެތި ވަނީ ބިންމައްޗަށް އުކާލާފައެވެ.
ސިޓީ ކައުންސިލުން ބުނީ މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށައަޅާފައިވާކަމަށެވެ. އަދި ފުލުހުން މި މައްސަލަ ބަލަމުން އަންނާތީ ކައުންސިލްގެ ބައެއް ހިދުމަތްތައް މެދުކެނޑިފައިވާކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.
ތިނަދޫ ކައުންސިލުން ވައްކަންކުރިކަމަަށް ބުނާ މައްސަލައިގައި އެ ކައުންސިލުން އާއްމުކޮށްފައިވާ ފޮޓޯއެއް
މިކަމާއި ގުޅޭ ގޮތުން އޭސީސީން އަދި ވަކި އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް އެ އިދާރާއިން ތިނަދޫ ސިޓީ ކައުންސިލާއި ގުޅޭ މައްސަލައެއް ބަލަމުން އަންނަކަން ވަނީ އެނިގަފައެވެ.