ads
ސިއްރު - 20 ވަނަ ބައި
އެޕިސޯޑް 20
Advertisement

ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ

އަހަރެންގެ ބޯ ހީވަނީ ފުރާނައާއި ވަކިވެދާނެ ހެނެވެ. އިއްޔެގެ ހުރިހައި ވަގުތެއްގެ ބޭސް ނުކައި ދޫކޮށްލުމުގެ ނަތީޖާއަކީ މި ރިހުން ކަމުގައިވެސް ވެދާނެ އެވެ. މެންދަމުގެ އަރާމް ނިދިން ކުޑަމިންވަރެއްވިޔަސް ލިބޭތޯ މަސައްކަތްކުރުމަށް އަހަރެންގެ ކޮންމެ ސެލް އަކަށް މަޖުބޫރުކުރީމެވެ. އެކަމަކު އަހަރެންގެ އެ މަސައްކަތްވެސް ވީ ބޭކާރެވެ. ލިބުނު ނާކާމިޔާބުގައި ދެ ލޯ ހުޅުވާލީމެވެ. 

އާދައެއްގެ ގޮތުން، ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލައިލީމެވެ. މެންދަން ފަހަނާއަޅައި ފަތިހަކަށް ތައްޔާރުވުމަށް ދުނިޔެ ދަތުރުކުރަމުންދަނީ އެވެ. ގަޑިން ތިންގަޑި ތިރީހެވެ. 

ކަންނެއްކަމާއި ވަރުބަލިކަމުގެ ތެރެއިން އަހަރެންގެ ފުރަގަހަށް އެނބުރި ބަލައިލީމެވެ. ފެނުނީ ދުނިޔެއިން އަހަރެން އެންމެ ދުށުމަށްއެދޭ އެންމެ ހިތްގައިމު މޫނެވެ. މައުސޫމްކަމާއި ނިއަނެތިކަމުގެ ހިތްގައިމުކަން އެ މޫނުން އަހަރެން ދުށީމެވެ. 

ނުހަނު ބާރަށް އަހަރެންގެ އުނަގަނޑުގައި އީތަން ބައްދާލާފައިވޭ އެވެ. ބޭނުންވެގެން ގަދަދައްކައިގެންވެސް އަހަންނަށް އެއަތުގެ ތެރެއިން ނުނިކުމެވޭހައި ބާރަށެވެ. އަހަރެންގެ އިސްތަށިގަނޑުތެރޭގައި އީތަންގެ މޫނު ފޮރުވާލާފައިވަނީ އެއީ އޭނާއަށް މި ދުނިޔޭގައި އެންމެ ރައްކަތެރި މަންޒިލްކަމަށް ވާތީ އެވެ. ދެމީހުންގެ މި ގާތްކަމަށްވުރެން ހިތްގައިމު މަންޒަރެއް މެންދަމުގެ މި ފިނީގައި ސިފަކުރެވިދާނެ ބާ އެވެ! މިއީ ކޮންފަދަ ރީތި ހުވަފެނެއް ހެއްޔެވެ؟ 

މަޑުމަޑުން އީތަންއާއި ދުރަށް  ޖެހިލީމެވެ. އޭނާގެ މޫނު އަހަންނަށް ފެންނާނެގޮތް މަގުފަހިކޮށްލީ އެވެ. ހިތްގައިމުކަމާއެކު ބަލައި ފޫހިނުވާނެ މަންޒަރެކެވެ. ހުޅުވާފައިވާ ބެލްކަނީގެ ދޮރުން ވަންނަމުންދިޔަ ހަނދުވަރުގެ އަލި އެޅިފައިވަނީ އީތަންގެ މޫނަށެވެ. ނިއްކުރީގައި ހާސްކަމުގެ އެންމެ ރުލެއްވެސް ނެތެވެ. އަމާންކަމާއި ރައްކާތެރިކަމުގައި ކުޑަކުއްޖަކު ނިދާލާނީވެސް ހަމަ މިފަދަ އަރާމަކުންނެވެ. 

ސައިޑް ޓޭބަލްމަތީން އަހަރެންގެ ފޯނު ނަގަފައި މި ލޯބި މަންޒަރު ފޮޓޯ ނެގުނު އިރެއްވެސް ނޭގުނެވެ. އަހަރެންގެ ތުންފަތްމަތީން އެވަގުތު ދައުރުކޮށްލާނެ ހިނިތުންވުން ސިފަކުރާން، އަހަރެންވެސް ނުކުޅެދުނެވެ. 

ތޫފާނުގެ ގަދަވައިރޯޅި އަހަރެންގެ މޫނުގައި އައިސްޖެހުނު ވަގުތެއްވެސް ނޭގުނެވެ. މިއީ އަހަރެންގެ ކޮޓަރި އެވެ. އީތަން މިކޮޓަރީގައި، އަހަރެންގެ އެނދުގައި މިއޮތީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ގާތުގައި މިފަދަ ގޮތަކަށް އީތަން އޮންނާން ޖެހުނީ ކީއްވެ ހެއްޔެވެ؟ 

މިކޮޓަރިއަށް އީތަން ވަނީ ކިހިނެއް ޔެއްޔެވެ؟

އޯހ.. ޝ*!

ރޭގައި  އެ ގަދަ ރިހުމުގެ ތެރެއިން އަހަރެންގެ ގައިގައި އޭނާ ބައްދައިލުމާއި އެ ގާތްކަމަކީ އަހަންނަށް ފެނުނު ހުވަފެނެއްކަމުގައި އަހަރެން ހީކުރީމެވެ. އެކަމަކު ހަގީގަތަކީ އެއީއެއް ނޫނެވެ! ހަގީގަތުގައިވެސް އީތަން މިއޮތީ އަހަރެން އެނދުގަ އެވެ. ފިނިވާރެއާއި ތެމިފޯވެގެން، އަހަރެން ރައްކާތެރިކަން އިހްސާސްކުރީ އީތަންގެ ދެއަތުގެ ތެރޭގައި އެވެ. މައުސޫމް ކުޑަކުއްޖަކު ފަދައިން ގަދަ ނިދީގައި އީތަން މިއޮތީ އަހަރެންގެ ނޭވާ އިހްސާސްވާހައި ގާތުގައި އެވެ. 

ވީ އެންމެ އަވަހަކަށް އަހަރެން އެ އަތުގެ ތެރެއިން ދެމިގަތީމެވެ. ބިރެއް ފެނިގެން ތެޅިގަންނަ ފަދައިން އީތަނންއާއި ދުރަށް ދިއުމަށް އެނދުން ފޭބީމެވެ. 

ރޭގެ ހަނދާންތައް ސިކުނޑީގައި އެނބުރެން ފެށި އެވެ. ރޭގަނޑުން ބައެއް އީތަން ހޭދަކުރީ ޒާޔާއާއި އެކުގަ އެވެ. އެ މަންޒިލުން ހިތް ފުރުމުން އައިސް މިއޮތީ އަހަރެންގެ އެނދުގަ އެވެ. 

ސުބުހާނައްﷲ އެވެ. މިކުރެވެނީ ކީއްހެއްޔެވެ؟ މިއީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟ އީތަންއަކީ ދޮގުވެރި، މަކަރުވެރި ހީލަތްތެރިއެކެވެ. ހަގީގަތް އެނގިހުރެވެސް އަހަރެންގެ މެންދަން ވެއަތު މިކުރީ އޭނާގެ ދެއަތުގެ ތެރޭގަ އެވެ. ލައިގެން މިހުރީ މިއޮތް އަނިޔާވެރިޔާގެ ޓީޝާޓެކެވެ. 

ތެޅިގެންފައި އަހަރެންގެ އަލަމާރިއާއި ހަމައަށް ދިޔައީމެވެ. ވީ އެންމެ އަވަހަކަށް އަހަރެންގެ އަންނައުނު ތެރެއިން އެވަގުތަށް އެންމެ އަރާމުވާނެފަދަ ކަޅުކުލައިގެ 'ޓޭންކް ކްރޮޕް ޓޮޕް'އަކާއި މަޑުމަޑު ހަރުވާޅެއް ނެގީމެވެ. ފާހާނާއަށްވަދެ ތާޒާވެލައިގެން މުޅިން އައު ދުވަހަކަށް އަހަރެންގެ ސިކުނޑި ތައްޔާރުކޮށްގެން ނިކުތީމެވެ.

އީތަން އޮތީ ގަދަ ނިދީގަ އެވެ. އަންދާޒާކޮށްލާންވެސް ނުކުޅެދިފައިވާ، އިންސާނާގެ މޫނަށް އަހަރެން ބަލައިލީމެވެ. އެއްކަމެއް ޔަގީންވި އެވެ. އޭނާ ހޭލިހައި އަވަހަކަށް އަހަރެންގެ ސުވާލުތަކުގެ ޖަވާބު ހޯދާނަމެވެ. ކިތަންމެ ސުވާލެއް އަހަރެންގެ ސިކުނޑިގައި އެނބުރެން ފަށައިފި އެވެ. އަހަރެން ލައިގެން ހުރި އޭނާގެ ޓީޝާޓް ފަށްޖަހާލާފައި ސައިޑްޓޭބަލް މަތީގައި ބޭއްވީމެވެ.  މިއީ ފަސޭހަ ކަމެއް ނޫނެވެ! 

މިކަން އަހަންނަށް ފަސޭހައެއް ނުވާނެ އެވެ! މިކަމުގެ ތެރެއިން މާ ފަސޭހައިން އީތަން ސަލާމަތްވެގެން ދެމިގަތަކަ ނުދޭނަމެވެ. ކުރިމަތީގައި އޮތް ތޫފާނަށް އަހަރެންގެ ނަފުސު ތައްޔާރުކުރީމެވެ. ތޫފާނުގައި ވީރާނާކޮށްލާ ވަގުތުއައިސް ޖެހެންވާއިރަށް އަހަރެން ތައްޔާރުވާނެޖެހޭ އެވެ. 

އަހަރެންގެ ކުޑަކުޑަ ބަދިގެއަށްވަދެ ހާޑްކޮށް، ކަޅުކޮފީއެއް ތައްޔާރުކޮށްލީމެވެ. ނިދިފައިވާ ހިއްސެއް ވިޔަސް ހޭލައްވާލުން މުހިއްމުވާތީ އެވެ.

އަހަރެންގެ ކޮފީތަށި ހިފައިގެން ހަމަޖެހިލީމެވެ. ކުއްލިޔަކަށް ހަނދާނަށްއައީ އިކާން އެވެ.  އެންމެ ނާޒުކުވަގުތުގައި ރޭގައި އެހީތެރިވި ހަމައެކަނި މީހަކީ އިކާން އެވެ. އެކަމަކު އަހަރެން އޭނާއަށް ދިނީ ނަފްރަތާއި ހަރުކަށިކަމުގެ ބަސްތަކެވެ. ހިތަށް އުނދަގޫވުމުން، ހިތި ކޮފީއާއެކު އަހަރެންގެ ހަށިގަނޑު ހޫނު ކޮށްލީމެވެ. އިކާންގެ 'ބެސްޓް' އަހަންނަށް ދޭން އޭނާކުރި މަސައްކަތަށް އަހަރެން ދިނީ ހިތި ބަދަލެކެވެ. މާޔޫސްކަމާއެކު އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. ހެޔޮ ނުބައި ވަކިކުރާންވެސް މިހާރު އަހަންނަށް އޮޅުނީބާ އެވެ؟ އަމިއްލަ ނަފުސު ކުށްވެރި ކުރެވި އެސްފިޔަތައް ލައްޕައި ތަގުޅިކޮށްލީމެވެ. 

ކުށްލިޔަކަށް ފޯނު ގެނެސް، އިކާންއަށް ގުޅައިލީމެވެ. ފޯނުގެ ކޮންމެ ރިންގެއް އަހަރެންގެ މާޔޫސްކަމަށް ބޮޅެއް އިތުރުކުރި އެވެ. ފޯނު ނުނެގީކަމަށް ނިންމާފައި ހިތްވަރު އެލުވާލަން ތައްޔާރުވި ވަގުތު، އިކާންގެ އަޑުން އަހަރެންގެ ހިތް ދިރުވައިދިނެވެ. 

"ހެލޯ...!" ނިދީގެ ތެރެއިން އިކާންގެ ފިރިހެންވަންތަ އަޑު އިވުނެވެ. 

"އި ކާ ން..!" މާނޭވާއަކާއެކު އުނދަގުލުން އެނަން އަހަރެން ކިޔާލީމެވެ. 

މިފަހަރުވެސް އަހަރެންގެ އިހްސާސްތައް، ހާމަކުރުމަކާއިނުލައި ދެނެގަތީ އިކާން އެވެ. އެންމެ ލަފްޒެއް އަހަރެން ބުނުމުގެ ފުރުސަތުވެސް ނުދީ ވާހަކަދެއްކީ އޭނާ ވާހަކަދެއްކި އެވެ. 

"ރިދީ..! އާ ޔޫ އޯކޭ ބޭބީ؟ އާ ޔޫ ފައިން..؟ ޑޫ ޔޫ ނީޑް އެނީތިންގ؟" އިންގިރޭސި ރަސްގެފާނު އޭނާގެ ރަށު ބަހުން ފަތިވަރު އަމުނަން ފެށި އެވެ. ހިނިއަޔަސް، މިއި އެކަން ދައްކަންވީ ވަގުތު ނޫންކަން އަހަރެން ގަބޫލުކުރަމެވެ. 

"އަހަރެން ރޭގައި ބުނިން ދޯ، އެ ހާލަތުގައި ރިދީ އެކަނިވުން ރަގަޅެއް ނުވާނެޔޭ! އެކަމަކު އަހަރެން ބުނީތީ އެކަން ރިދީ ގަބޫލެއް ނުކުރި! ދުވަހަކުވެސް އަހަރެންގެ ބަހެއް ރިދީ ނާހާނެކަން ރޭގައި އެނގިއްޖެ! ރިދީއަށް ހަމަ އެންމެ ފުރިހަމަ  ނަން ރޭގައި އަހަރެން ދިނީ.. ތިއީ ހަމަ 'ބޭބީ'އެއް! ހަމަ އަމިއްލައަށް ގަބޫލުކުރެވޭ ގޮތް ނޫން އެހެން އެއްވެސް އެއްޗެއް ރިދީއަކަށް ކަމަކު ނުދޭ..!  މާ ގޮތް ދޫނުކޮށް ތިއުޅެނ..!" އިކާންގެ ޖުމުލަ ފުރިހަމަކުރަން ފުރުސަތެއް ނުދީ އަހަރެން އޭނާ ހުއްޓުވީމެވެ. 

"އި ކާ ން!" އިކާންގެ ކަންފަތާއި ފޯނު ދުރަށްޖައްސަން މަޖުބޫރުވާވަރަށް، ބާރަށް އަހަރެން ހަޅޭއްލަވައިގަތީމެވެ. ވަގުތުން އިކާން ހިމޭންވެއްޖެ އެވެ. 

"އަހަރެން މިގުޅީ 'ސޮރީ' ބުނަން..! ރޭގައި އިކާންއާއި ވާހަކަދެއްކުނީ ވަރަށް ހަރުކަށިކޮށް.. އިކާންއަށް ހައްގުވާ އިހްތިރާމުން ޒައްރެއްގެ މިންވަރުވެސް އިކާންއަކަށް ނުދެވުނު..! އަހަރެންގެ އެ އަމަލުގެ ސަބަބުން ވަރަށް 'ގިލްޓީ'ވެގެން މި ގުޅާލީ..!" އަހަރެންގެ އަޑު ބަދަލުވެގެން ދިޔަކަން އިކާން ފާހަގަކުރާނެކަން ޔަގީނެވެ. އެކަމަކު ހާސްކަމެއް ނެތެވެ. އަހަރެންގެ ހާލަތު މިފަހަރުވެސް އިކާން ދެނެގަންނާނެކަން ޔަގީނެވެ. 

"އޯ.. ރިއަލީ މެޑަމް..؟ އެހެންވިއްޔާ، އަލުން އާ ފެށުމަކުން ޖަޒްބާތާއި އަސަރާއެކު ކަމަނާޖެހޭނީ އަދި އެއްފަހަރު 'ސޮރީ' ބުނަން!" ރާގު ބަދަލުކޮށްލާފައި ވަރަށް ހަމަޖެހިލާފައި އިކާން ބުނެލި އެވެ. ދެމީހުންގެ ދެމެދު އޮތް ހާސްކަން ދުރުކުރަން އިކާން ކުޅަދާނަ އެވެ. އެކަމަށް ދެކޮޅުހެދޭކަށް ނެތެވެ. އަހަރެން ތުންކޮޅު އޫ ކޮށްލާފައި މޫނުމައްޗަށް ވައްތަރެއް ޖައްސައިލެވުނެވެ.

"އޮހ އޯ.. ބޭބީ.. ތި ތުންކޮޅު އޫ ކޮށްފައި ތި ޖައްސާ ވައްތަރުތައް ޖައްސާނީ އަހަރެންގެ ކުރިމަތީގައި ހުންނަ ވަގުތަކުން.. މިހެން މިބުނީ ކީއްވެތޯ ސުވާލުކުރައްޗޭ..!" އަހަރެންގެ ހާލަތައް، ކާމިޔާބު ލިބުނުކަން އެނގިހުރެ އިކާން ކުރި ހޯދި އެވެ.  

"ކީއްވެ؟" ދުލުގައި ދަތް އަޅައިލާފައި އަހަރެން ސުވާލުކުރީ ލަދުވެތިކަމާއެކު އެވެ.

ހަގީގަތުގައިވެސް އަޖައިބެކެވެ. އިކާން އާއި އަހަރެން ބައްދަލުވެ ގިނަ ދުވަސްތަކެއް ވީއެއް ނޫނެވެ. މިހައި ފުރިހަމައަށް އަހަރެންގެ މިޒާޖާއި ހަރަކާތްތައް އިކާން ދެނެގަތީ ކިހިނެއް ހެއްޔެވެ؟ 

"ސަބަބަކީ، މިހާރު ގަޑިން މެންދަމު ހަތަރެއް ޖެހީ..! ފަތިސްވާން އަދި ކާއިނާތުވެސް ތައްޔާރެއް ނުވޭ.. އެކަމަކު އަހަރެންގެ އަރާމުނިދިންވެސް މަހުރޫމްކުރީ ތިޔަ ކަމަނާ! އެކަމަކު އެކަން ކަމަނާއަށް ރެއަކާވެސް ނުލާ..!" އިކާން ބުނެލި އެވެ.

'ޑޭމްނނނނނ...! ވަޓް!!!!'

ޝަކުވާގެ ރާގުގައި އިކާން ބުނެލި ޖުމުލައިގައި އަހަންނަށް ވިސްނައިދޭން ކުރި މަސައްކަތް ވަރަށް ކާމިޔާބެވެ. 

"އައި އެމް ސޯ ސޮރީ..!" ހަގީގަތް ވިސްނުމުން އަހަރެން މައާފަށް އެދުނީމެވެ. ދެމީހުންގެ ދެމެދު ބައެއް އަމިއްލަ ވާހަކަދެއްކުމަށްފަހު އެ ވަގުތަށް ވަކިވެލީމެވެ. 

ކޮފީތަށި ހިހޫ ވެއްޖެ އެވެ. ކަރުނުން ދެ ލޯ ފުރިއްޖެ އެވެ. ހިމޭން މެންދަމުގައި އިކާންގެ ނިދި ހަރާބުކޮށްލެވުނީތީއެއް ނޫނެވެ. އެހެނެއްކަމަކު އަހަރެންގެ ދިރިއުޅުމުގައި ދިމާވަމުންމިދާ ކަންކަމާހުރެ، މާޔޫސްވީ އެވެ. އަމިއްލަ އިހްތިޔާރެއް ނެތި، އަހަރެން މިހައި ބަލިކަށިވެދާނެކަމަކަށް ދުވަހަކުވެސް ތައްޔާރުވެވިފައެއް ނެތެވެ. އަހަރެންގެ ހުރިހައި ކޮންޓޮރޯލެއް އެހެން މީހެއްގެ މައްޗަށް ދޫކޮށްލެވުނީ ކޮން ސަބަބަކާހުރެ ބާ އެވެ؟ 

އީތަން ބޭނުންވެއްޖެ ކޮންމެ ވަގުތަކު އަހަރެންގެ ހަޔާތުގެ އިމުގެތެރޭގައި ރަސްކަންކުރަނީ އެވެ. އެ އިމުގެ ތެރެއިން އޭނާ ނިކުންނާން ބޭނުން ކޮންމެ ހިނދެއްގައި އަހަންނަކީ އޭނާގެ ދުނިޔޭގައި ވުޖޫދުވެފައިވެސް ނުވާ އިންސާނެކެވެ. ހިތުހުރި ގޮތަކަށް ރަހުމެއް ކުލުނެއް އަދި އިހްތިރާމެއް ނެތި އަހަރެންގެ އިހްސާސްތަކުގައި ތޫނު ހަންޖަރުން ޒަހަމްތައް ދެނީ އެވެ.

އޭނާ ބޭނުންވުމުން ގާތްވަނީ އެވެ. ހިތް އެދުމުން އޭނާގެ ދެއަތުގެ ތެރޭގައި ރައްކާކުރަނީ އެވެ. ބޭނުންވި ކޮންމެ އުފަލެއް، ކޮންމެ ހަލަތެއްގައިވެސް އަހަރެންގެ ޖިސްމުން ހޯދަނީ އެވެ. ހިތްފުރުމުން އޭނާގެ ދުނިޔެއިން ނެރި އަތުކޮޅަށް ހޫރާލަނީ އެވެ. ދުނިޔޭގެ ކުރިމަތީގައި އަހަރެން ބޭޒާރުކުރަނީ އެވެ. 

އަހަރެންގެ އަމިއްލަ ނަފުސުގެ އަގު ކޮބައި ހެއްޔެވެ؟

މުޅި އުމުރުގައި ރައްކާކުރި އަބުރު ވިއްސިވިހާލި ވެއްޖެ އެވެ. މީގައި ކުއްވެރިޔަކީ އަހަރެންނެވެ. އީތަންގެ ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައި އަހަރެންގެ ޖިސްމު ހަދިޔާކުރަނީ އަހަރެންގެ ފުރިހަމަ އިހްތިޔާރުގަ އެވެ. ކުރިމަތީގައި ބޭވާފާތެރިވެ، އެހެން އަންހެނެއްގެ ޖިސްމުން އުފާތައް ހާސިލްކުރާކަން އެނގިހުރެވެސް، އަހަރެންގެ ގައިގައި ބީހެން ފުރުސަތު ދެނީ އަހަރެންގެ ފުރިހަމަ އިހްތިޔާރުގަ އެވެ. ކޮންމެ ފަހަރަކު، ކޮންމެ ހާލަތެއްގައިވެސް އީތަންގެ ބޭނުންތައް އިސްކޮށް، އަހަރެންގެ އިހްތިޔާރެއް އަހަރެންގެ ނަފުސުގައި ނެތެނީ ކީއްވެ ހެއްޔެވެ؟ 

މި ޖިސްމުގެ ހުރިހާ ޖަޒްބާތެއް ހިތާއި ސިކުނޑިން ނިކުންނަމުންދިޔައީ ކަރުނައިގެ ސިފައިގަ އެވެ. އަހަރެން މިހހައި ބަލިކަށިވީ ކޮން ސަބަބަކާއިހުރެ ހެއްޔެވެ؟ އަތުގައި ހުރި ކޮފީތަށި ސިންކުތެރެއަށް އޮއްސާލީމެވެ. އަނެއްކާވެސް ފެން ކައްކައިގެން ހޫނުކޮފީއެއް ތައްޔަރުކޮށްލީމެވެ. 

ފާއިތުވާ ކޮންމެ ސިކުންތެއް، އަހަރެންގެ ސިކުނޑިއާއި ނަފުސު ތަގައްޔަރު ކުރަނީ އެވެ. އީތަންގެ އަމަލުތަކުގެ ސަބަބުން އަހަރެންގެ ބޯ ހާސްވެ، ކެތްތެރިކަން ކޮޅުންލަނީ އެވެ. އީތަންގެ ހަރަކާތްތަކުން، އަހަރެންގެ ދިރިއުޅުން ފަނާކުރާއިރުވެސް ދިފާއުގައި ކުރެވޭނެ އެއްކަމެއްވެސް ނެތީ އެވެ. 

ތިމާގެ ކޮންޓްރޯލް އެހެން އިންސާނަކަށް ހިބަކުރުމަކީ ކޮންފަދަ ނިކަމެތި ވޭނެއް ހެއްޔެވެ؟ މިއީ ލޯބިކަމަށްވަންޏާއި މިއަށްވުރެން ބޭ އިންސާފު އިހްސާސެއް މި ވުޖޫދުގައި ނުވާނެކަން ކަށަވަރެވެ. 

ހިމޭން ކަރުނަތަކަށް އަހަރެން ފުރުސަތު ދިނީމެވެ. ހިތުކުރި ގޮތަކަށް އަހަރެންގެ ޖިސްމު ފަނާކުރުމުގެ އިހްތިޔާރު މިނިވަންކަމާއެކު އަހަރެންގެ ކަރުނަތަކާއި ހަވާލުކުރީމެވެ. 

ދެލޮލުން ނަގަމުންދިޔަ ދިލައާއެކު އެސްފިޔަތައް ލައްޕައިލީމެވެ. ގިސްލުމުގެ ތެރެއިން ތަސައްލީއަކަށް ކުރެވޭނެ އުއްމީދެއް ނެތެވެ. އަހަރެންގެ މި ހިތްދަތިވަގުތުގައި ބައިވެރިވާނެ އިތުރު ނަފުސެއް ނެތެވެ. 

ކެކި އުތުރެމުންދިޔަ ވޭންތައް މައިތިރިކުރީ ފިނިފިނި އަތަކުން އަހަރެންގެ އުނަގަނޑުގައި ބީހިލާކަމުގެ އިހްސާސާއެކު އެވެ. ގެނބެމުންދިޔަ ހިޔާލްގެތެރެއިން އަހަރެންގެ ހަށިގަނޑުގައި ތަފާތު ހޫނު ކަމެއް އެކުލެވިއްޖެ އެވެ. މި ބީހުން، އަހަރެންގެ ހަމަހޭގގައި ފާހަގަނުކުރެވި ނުދާނެކަން ކަށަވަރެވެ. 

އެއީ އޭނާ އެވެ. އެ ފިނިފިނި، މަޑު ދެއަތެވެ. ލިބުނު ސިހުމުގައި ކުއްލިޔަކަށް އެސްފިޔަތައް ހުޅުވާލީމެވެ. 

އަހަރެންގެ އުނގަނޑުގައި ފިރުމަމުންއައި އިނގިލަށް ހުއްޓުނީ އަހަރެންގެ ބަނޑުގައި ދެއަތުން ވަށައިލެވުމުންނެވެ. ބާރަށް ބައްދާލާފައިވަނީ ފުރަގަހުންނެވެ. އަހަރެންގެ ކަނދުރާގައި އޭނާގެ މޫނު ފޮރުވާލާފައިވަނީ މިއީ އޭނާގެ އަމިއްލަ ހައްގެއްކަމަށް ދައުވާކުރެވޭހައި ފުރިހަމަ ޔަގީންކަމާއެކު އެވެ. އޭނާގެ ހޫނު ނޭވާ އަމާޒުވެފައިވަނީ ސީދަ އަހަރެންގެ ކަނދުރާއަށެވެ. ޒުވާން އަންހެންކުދިން ހަމަބުއްދި ފިލުވާލާވަރުގެ އިޝްގީ ތުނިތުނި ތުނބުޅިއެއް އަހަރެންގެ ކަނދުރާއިން ފެށިގެން ކަންފަތާއި ކަރުދޮށުގައި ބީހެއް ފަށައިފި އެވެ. 

ދާދި ދެންމެ އަމިއްލަ ނަފުސާއިމެދުގައި އަރާރުންވި ހަނދާންތައް ފިލައި ދިޔައީ ހެއްޔެވެ؟ ނޫނެކެވެ. މިއީ ގޯހހެކެވެ! އަހަރެންގެ މުޅި ޖިސްމު އޭނާ ނަޖިސްކުރަން ދެން ފުރުސަތެއް ނުދެވޭނެ އެވެ. ޔަގީނުންވެސް މިވަގުތު އެކަމަށް އަހަރެން ތައްޔާރެއް ނޫނެވެ. އެއީ އަހަރެންގެ 'ބޮސް' އެވެ. މި ދެމެދުގައި ހުރަސް ރޮނގު ދެން ދަމާނީ އަހަރެންނެވެ. 

ގައިގައި ހުރި ބާރެއްލާފައި ގަދަހެދީމެވެ. އެކަމަކު އޭނާގެ ކަސްރަތީ ބިޔަ ހަށިގަނޑުގެ ބާރު މާ ގަދަ އެވެ. ދަތީގައި ބެދިފައި އޮންނަ ނިމަމެތި މީދަލެއް ފަދައިން، އަހަރެން ޖެހިފައިވާ މަޅިން ސަލާމަތްވޭތޯ ހިތްވަރު ކުރީމެވެ. 

"ކީއްވެ ތެދުވެގެން ދުރަށް ތިޔައައީ؟" އަހަރެންގެ ކަނދުރާގައި 'ލޯބި ކޮށްލާފައި' އޭނާ ބުނެލި އެވެ. އަހަރުމެން ދެމެދުގައި ކަމެއް ހިނގިކަމުގެ ލިސާނެއްވެސް އޭނާގެ ކިބައިން ނުފެނެ އެވެ. އަހަރެންގެ ގައިގައި ހުރިބާރެއް ލާފައި، ސަލާމަތްވެވޭތޯ މަސައްކަތް ފެށީމެވެ.

(ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް