
މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުނު އަމުރެކެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ޕްރޮމޯޝަންތައް މަޑުޖައްސާލަން އަމުރެއް ނުނެރެފިނަމަ އޭސީސީއަށް ލިބޭނެ ގެއްލުމެއް އެ ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ފުލުހުންނަށް ޕްރޮމޯޝަންތައް ދީ މިހާރު ނިމިފައިވާއިރު، އެފަދަ އަމުރެއް މިހާރު ނެރުނަސް އިތުރު ނަތީޖާއެއް ނުނިކުންނާނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އެވެ.
އޭސީސީން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފުލުހުންނަށް އަންގާފައިވަނީ ޕްރޮމޯޝަން ދިނުމުގެ މަސައްކަތް މަޑުޖައްސާލުމަށެވެ. ނަމަވެސް ފުލުހުން އެ އެންގުމަށް އަމަލުނުކުރުމާ ގުޅިގެން އޭސީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.
ނަމަވެސް މި މައްސަލާގައި ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. އެއީ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމި ސަބަބު ބަޔާންކޮށްފައި ނެތުމާއި، އަސްލު މައްސަލާގެ ގޮތް ނިންމަންޖެހޭ ކަންކަމަށް ވަގުތީ އަމުރާ މެދު ގޮތް ނިންމިއިރު ގޮތް ކަނޑައަޅާފައި އޮތުމުންނެވެ.