މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ހާލަތު ގޯހެއް ނުވާނެ ކަމަށެވެ. އަދި ތެލުގެ ކަންކަން ހުރީ ރަނގަޅަށް ކަމަށް ޒަމީރު ވިދާޅުވި އެވެ.
ރާއްޖެ އަންނަ ގިނަ ޓޫރިސްޓުންނަކީ މެދުއިރުމަތީގެ ގައުމުތަކުގައި ޓްރާންސިޓްވެފައި އަންނަ ޓޫރިސްޓުންނަށް ވުމާއެކު، އެ ހަނގުރާމައިގެ ސަބަބުން ރާޢްޖޭގެ އާމްދަނީއަށާއި އިގުތިސާދަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ސަރުކާރުން މިހާރުވެސް ތެލަށް ބޮޑު ސަބްސިޑީއެއް ދެމުންދާއިރު، އިތުރަށް ބާޒާރުގައި ތެލުގެ އަގު ބޮޑުވާނަމަ ދެވަނަ ވިސްނުމަކީ އެސްޓީއޯގެ ފައިދާއިން، އެއަށް ބޭނުންވާ ޚަރަދު ހަމަޖެއްސުންކަމަށެވެ.
ޒަމީރު އިތުރަށް ވިދާޅުވީ އެސްޓީއޯގައި ތެޔޮ އުފުލާ 24،500 މެޓްރިކް ޓަނުގެ ބޯޓުގައި ތެޔޮ ރައްކާކުރެވޭއިރު، މިވަގުތުވެސް 22،000 މެޓްރިކް ޓަނުގެ އިތުރު 2 ބޯޓު ތެޔޮ ހިފައިގެން ރާއްޖެ އައުމުގެ މަރުހަލާގައި އެބައޮތްކަމަށެވެ. މީގެތެރެއިން އެއް ބޯޓުކުރިއަށް އޮތް 4-5 ދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެކަމަށާއި އަދި އަނެއް ބޯޓު ތެޔޮ ހިފައިގެން މިއަދު ފުރާނެކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;