
މި ޕްލެޓްފޯމަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައާރަފުކޮށްފައިވާ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބޭނުންކުރެވޭ ހިދުމަތެކެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ޕްލެޓްފޯމަކީ ފޮރިން ކަރަންސީ އެކްޓާއި އެމްއެމްއޭގެ ކަރަންސީ ރެގިއުލޭޝަންއާ އެއްގޮތަށް ތައާރަފުކޮށްފައިވާ ހިދުމަތެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ޓޫރިޒަމް ދާއިރާއާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް ބޭރުފައިސާ މާރުކުރެވޭނެއެވެ.
އާ ޕްލެޓްފޯމުގައި ޑޮލަރު މާރުކުރާ އަގު ހަމަޖައްސާފައިވަނީ 15.42 ރުފިޔާގައެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް ކުރާ މުއާމަލާތްތައް ފަސޭހަކަމާއެކު ޓްރެކްކޮށް ރިވިއުކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ.
އެމްއެމްއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން މި މަހުގެ 28 ގެ ކުރިން 30 މިލިއަން ޑޮލަރާއި 40 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަށް ބަލައިގެން ކަނޑައަޅާފައިވާ އަދަދެކެވެ.