ބައްސާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައަކާއި ހިޔާނާތްތެރިވުމުގެ މައްސަލައެއް ކުރިއަށް ގެންދަން ކަނޑައަޅާފައި އޮތީ މިއަދު ހެނދުނު 9:30 ގައެވެ. މި މައްސަލަ އޮންނާނީ ކްރިމިނަލް ކޯޓުގައެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމްގެ މައްސަލަ ހެނދުނަށް ތާވަލުކޮށްފައިވާއިރު، އޭނާގެ ދެ ގާނޫނީ ވަކީލަކުވަނީ ކޭސް ދޫކޮށްލައި މައްސަލައިން ތަނާޒުލް ވެފައެވެ. އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވެފައިވާ މައްސަލަތަކުގައި ބައްސާމްގެ ވަކީލެއްގެ ގޮތުން އެންމެ ފަހުން ކޯޓަށް ދިޔައީ، މަޝްހޫރު ގާނޫނީ ވަކީލް އިބްރާހީމް ޝަމީލްއެވެ. މިއަދުގެ އަޑު އެހުން މި ބާއްވަނީ، އެންމެ ފަހުން އޮތް އަޑު އެހުމުގައި ބައްސާމަށް ވަކީލަކު ހޯދުމަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހުއެވެ.
މިއަދު އޮންނަ ދެ މައްސަލައާއި އެކު ބައްސާމްގެ މައްޗަށް ހިޔާނާތުގެ ހައެއްކަ މައްސަލަ ކޯޓުގައި ކުރިއަށް އެބަދެއެވެ. އޭގެ އިތުރުން ހިޔާނާތުގެ ފައިސާއިން ހޯދާފައިވާ ކަމަށް ބެލެވޭ ބައްސާމްގެ އަގުބޮޑު ޕެންޓްހައުސް ދައުލަތަށް ނަގަންވަނީ އެދިފައެވެ. އަދި ބައްސާމްއާއެކު އެފްއޭއެމްގައި ކުރިން މަސައްކަތް ކުރި އިސް އެހެން ދެ މުވައްޒަފެއްގެ މައްޗަށްވެސް ދައުލަތުންވަނީ ދައުވާކޮށްފައެވެ.
ބައްސާމްގެ މައްޗަށް ފުރަތަމަ ދެ ދައުވާކުރީ ފީފާ އިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ފޮނުވައި އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ ކަމަށް ޕީޖީ އޮފީހުން ކުރިން ވަނީ ބުނެފަ އެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ ބައްސާމް އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ހުރެ، ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް، 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް، 2018 ގައި ޖަމާކޮށްފައިވާ ކަމަށެވެ. މި ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށް ފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.
މި ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންނެވެ.