ads
ހދ. ހިރިމަރަދޫ ފޮޮޓޯ: ވިސިޓް ހިރިމަރަދޫ ފޭސްބުކް
ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމަށް އަމަލީ މަސައްކަތް ފަށަނީ
ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަށް މަސައްކަތް ކުރާނެ ގޮތުގެ މަގު ޗާޓު އެކުލަވާލައި އަމަލީ މަސައްކަތްވެސް ލަސްތަކެއް ނުވެ ފަށާނެ ކަަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް ވަނީ ހދ. ހިރިމަރަދޫ ރައްޔިތުން އެދުނު ގޮތައް އެ ރަށު ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް  ކުރިއަށް ދާނެގޮތުގެ މަޝްވަރާތައް މިއަދު ފަށާފައިވާކަމަށް ވިދާޅުވެފައެވެ.

އެރަށު ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަށް މަސައްކަތް ކުރާނެގޮތުގެ މަގު ޗާޓް އެކުލަވާލާ، އަމަލީ މަސައްކަތް ވަރަށް އަވަސް މުސަތަގްބަލެއްގައި ފަށާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވާއިރު ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވަނީ ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެކެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ. 

ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް ހިރިމަރަދޫގެ އާބާދީ ދަނީ އަހަރުން އަހަރަށް ދަށަށެވެ. އެގޮތުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 314 މީހުންނެވެ. 

ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަަދަލުވާން ބޭނުންވާ މައިގަނޑު މަގްސަދަކީ ރަށުގެ އާބާދީ މަދުވުމާއި، ތައުލީމާއި ސިއްހީ ނިޒާމް އެންމެ އެކަށިގެންވާވަރަށް ނެތުމާއި އަދި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އެހެން ރަށްރަށަށް ހިޖުރަކޮށްފައި އޮތުމުގެ ސަބަބުން ކަމަށް ސީއެންއެމްއަށް މައުލޫމާތު ދެމުން ހިރިމަރަދޫ ކައުންސިލް ރައީސް މުހައްމަދު ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް