
މިފަހަރު އޭނާ ހައްޔަރުކޮށްފައި ވަނީ ޖުވެނައިލް ކޯޓުގެ ފާރުމައްޗަށް އަރައި އަނބު ވަގަށް ނެގި މައްސަލައިގަ އެވެ.
ފުލުހުން ބުނީ ހައްޔަރުކުރި މީހާއަކީ ލ. ގަމު، މުހައްމަދު ހަލީމް (42 އަހަރު) އެވެ. އޭނާ ހައްޔަރުކުރީ ކޯޓުގެ ސެކިއުރިޓީން ފުލުހުންނަށް އެންގުމުން، އަނބު ވަގަށް ނަގައިގެން ދާން އުޅެނިކޮށެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން މުހައްމަދު ހަލީމްގެ ކުށުގެ ރެކޯޑުގައި ގިނައީ ވައްކަމުގެ މައްސަލަތަކެވެ. މިއީ އޭނާ ބަންދުކުރި 30 ވަނަ ފަހަރެވެ. ކޯޓުން ވަނީ މިފަހަރު ވެސް އޭނާ ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ ފަހަކަށް އައިސް އަނބު ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އިއްޔެ އެހެން މީހަކު ވެސް ވަނީ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސްގެ އަނބު ގަހަކުން އަނބު ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.