ads
މޯލްޑިވްސް އިސްލާމިކް ބޭންކް-- ފޮޓޯ: ސީއެންއެމް
އެމްއައިބީގެ ސާފު ފައިދާ 282 މިލިއަނަށް އަރައި، 60 ޕަސެންޓްގެ ކުރިއެރުމެއް ހޯދައިފި
ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް-ފްލެޖްޑް އިސްލާމިކް ބޭންކް ކަމުގައިވާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން 2024 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 282 މިލިއަން ރުފިޔާ ހޯދައިފިއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 60 ޕަސެންޓްގެ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
Advertisement

އެމްއައިބީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރު ނިމުނުއިރު ބޭންކުގެ އެސެޓް ވެލިއު ވަނީ 11.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 39 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެމްއައިބީގެ އެސެޓް ވެލިއު 10 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާކަން ފާހަގަކުރެވެއެވެ.

އެމްއައިބީގެ ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަނީ، މިދިޔަ އަހަރު އެ ބޭންކުން ގެނެސްދީފައިވާ ލުއިފަސޭހަތަކާއެކު ކަސްޓަމަރުންގެ އިތުބާރު އިތުރުވެފައިވާ ކަމަށެވެ. އަދި 2024 ވަނަ އަހަރަކީ އެ ބޭންކަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

އެމްއައިބީ އަކީ ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުންދާ ބޭންކުތަކުގެ ތެރެއިން އެއް ބޭންކެވެ. އެ ބޭންކަކީ ބޭންކަށް ނުގޮސް، ވަގުތުން އެކައުންޓު ހުޅުވުމުގެ ޚިދުމަތްދޭ ހަމައެކަނި ބޭންކެވެ. މިހާރު އަމިއްލަ އެކައުންޓާއި ކުންފުނި އެކައުންޓު ވެސް އޮންލައިންކޮށް ހުޅުވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

މި ހިދުމަތްތަކާ ގުޅިގެން، 2024 ވަނަ އަހަރު ނިމުނުއިރު އެމްއައިބީގެ ޑިޕޮސިޓް ބޭސް 9.12 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފާހަގަކުރެވެއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ އިތުރުވުމެކެވެ.

އިޖުތިމާޢީ ޒިންމާދާރުކަމަށް އިސްކަންދޭ ބޭންކެއްގެ ގޮތުގައި އެމްއައިބީ ފާހަގަކުރެވެއެވެ. ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްކުރާ މި ބޭންކަށް 2024 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ބައިނަލްއަޤްވާމީ ދެ އެވޯޑު ލިބިފައިވެއެވެ.

އެމްއައިބީ އިން ބުނެފައިވަނީ، އެ ބޭންކުގެ ކާމިޔާބީގެ އެންމެ ބޮޑު ބައިވެރިޔަކީ އެ ބޭންކުގެ ކަސްޓަމަރުން ކަމަށެވެ. އަދި ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށާއި، 2025 ވަނަ އަހަރަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް