ރައީސް އޮފީހުން މިއަދު ބުނި ގޮތުަގައި ނައިބު ރައީސް ޔޫއެންގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރެއްވީ އެމެރިގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ ޔޫއެންގެ 81 ވަނަ އާއްމު މަޖިލީހުގެ ހަވާސާގަ އެވެ.
ގުތެރެސްއާ ބައްދަލުކުރައްވައި ނައިބު ރައީސް އަލިއަޅުއްވައިލެއްވީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ރާއްޖެއަށް ކުރިމަތިވެފައިވާ މިންވަރުގެ މައްޗަށެވެ. އެއީ ރާއްޖެއަށް ކޮންމެ ދުވަހަކު ވެސް ކުރިމަތިލާން ޖެހޭ ހަގީގަތެއް ކަމަށާއި ރާއްޖޭގެ ތަރައްގީއަށް މެދުނުކެނޑި އެކަމުގެ އަސަރުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާތަކުގެ ގައުމުތައް (ސިޑްސް) އަށް އެކަމުގެ އަސަރުކުރާ އެހެން ކަންތައްތަކުގައި ސެކްރެޓަރީ ޖެނެރަލް ވަކާލާތުކުރާކަން ނައިބު ރައީސް ޝުކުރުވެރިކަމާ އެކު ފާހަގަކުރެއްވި އެވެ.
ޔޫއެންގެ އާއްމު މަޖިލީހުގައި ރާއްޖޭން އިސްކަންދޭނެ މައްސަލަތައް ވެސް އެމަނިކުފާނު ސެކްރެޓަރީ ޖެނެރަލް އަށް ވިދާޅުވެ ދެއްވި އެވެ.
މި ހަފްތާގެ ތެރޭގައި ކުރިއަށްދާ ޖަލްސާތަކުގެ ތެރެއިން، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ "2026 ކްލައިމެޓް ސަމިޓް" ގައި ގައުމުތަކުގެ ވެރިންނާއި، ހަކަތަ އުފައްދާ ބޮޑެތި ފަރާތްތަކުގެ އިތުރުން މޫސުމީ ކަންކަމަށް ވަކާލާތުކުރާ ފަރާތްތައް ބައިވެރިވާނެ އެވެ. މި ސަމިޓުގައި އަވަސް މުއްދަތެއްގެ ތެރޭގައި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި، މޫސުމީ އިންސާފު ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ އެވެ.
މީގެ އިތުރުން، ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ކަނޑުގެ ލޮނގަނޑު އުފުލުމުގެ ނުރައްކަލާ ގުޅޭ ޚާއްސަ މަތީ ފަންތީގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމަކީ ރާއްޖެ ފަދަ ބިމުގެ އުސްމިން ތިރި ގައުމުތަކަށް އޮތް ނުރައްކާތަކަށް ޙައްލު ހޯދުމަށާއި، ބައިނަލްއަގުވާމީ ފެންވަރުގައި މިކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ސިޔާސީ އެއްބާރުލުން ހޯދުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ.
ނައިބުރައީސް ނިއުޔޯކަށް ވަޑައިގަތީ ޔޫއެންގެ އާއްމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ތަގުރީރުކުރެއްވުމަށެވެ.