
ފިނޭންސް މިނިސްޓްރީން ހާމަކުރި މައުލޫމާތުން ދައްކާ ގޮތުގައި 23 ޖަނަވަރީގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 1.3 ބިލިއަން ރުފިޔާއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 15 ޕަސަންޓުގެ ދަށްވުމެކެވެ. ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއަށް ބަލާއިރު، މި އަހަރު ލިބިފައިވަނީ އެއް ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17 ޕަސަންޓުގެ ދަށްވުމެކެވެ.
ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީއަށް ބަލާއިރު، 275 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 10 ޕަސަންޓު ދަށް އަދަދެކެވެ. ނަމަވެސް ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 61 ޕަސަންޓު އިތުރުވެފައެވެ. މި އަހަރު ހިލޭ އެހީގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބިފައިވަނީ 2.6 މިލިއަން ރުފިޔާއެވެ.
މި އަހަރަށް ފާސްކޮށްފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.