
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި، ކ. ކާށިދޫ ކެތި، މައުސޫމް ހަލީމްގެ މައްޗަށް ކުރެވުނު މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ދައުވާއަށް އިންކާރުކޮށްފައިވެ އެވެ. މައުސޫމްގެ ވަކީލް ބުނި ގޮތުގައި އެކްސިޑެންޓް ހިނގީ ސައިކަލް ނުބައި ފަޅިއަކުން ގޯޅި އެޅުމުގެ ސަބަބުންނެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ބަންގްލަދޭޝްގެ ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބުނު އެވެ. އޭގެ ތެރެއިން ސައިކަލު ދުއްވި މަސްއޫދު ރަނާ ވަނީ މަރުވެފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ކާރުން ސިގްނަލް ނުދީ ގޯޅި އެޅި ވަގުތު، ކާރު އޯވަޓޭކް ކުރަން އުޅުނު ސައިކަލުގައި ޖެހި، މަސްއޫދު ކާރުގެ ދަށުގައި ތާށިވެފައި އޮއްވާ ބާރު ސްޕީޑްގައި ކާރު ފަހަތަށް ޖެހުމުން ލިބުނު އަނިޔާގައި މަރުވެފައިވާތީ ކަމަށެވެ.
އެކްސިޑެންޓްގައި އެހެން ކާރަކަށް ލިބުނު ގެއްލުމާ ގުޅިގެން އުފުލާފައިވާ ދައުވާ ރިވިއު ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ބުނި އެވެ. އެއީ އެ ގެއްލުންތަކަށްވާ ގިނަ ފައިސާ މައުސޫމް ދައްކާފައިވާތީ އެވެ.