މިދިޔަ ސަރުކާރުން އެޅި 4000 ފްލެޓްގެ ހުރިހާކަމެއް ބަލަހައްޓަމުން އަންނަނީ އެފްޑީސީންނެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުޑޫ ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެފްޑީސީން އަޅައިފައިވާ 4000 ފުލެޓުގެ ތެރެއިން 744 ފުލެޓް މިހާރުވެސް ނިމިފައިވާ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ ސަބަބުން ފުލެޓުގެ ހައްގުވެރިންނަށް ފުލެޓް ނުލިބި ދައުލަތަށް އެ ތަންތަނުން ލިބެންޖެހޭ ކުއްޔާއި ފީތަށްވެސް ނުލިބިވާކަން ކުޑޫގެ ސިޓީގައި ވަނީ ފާހަގަކުރެވއެވެ.
4000 ފްލެޓް އެޅުމަށް އިންޑިއާއިން ނަގާފައިވާ ލޯނަށް ކޮންމެ މަހަކު ދައުލަތުން 23.4 މިލިއަން ރުފިޔާ ދައްކަމުން އަންނަކަން ފާހަގަކުރައްވާ، އެ ކުންފުނީގެ ރިކަރަންޓު ހަރަދަށް މަހަކު 3.24 މިލިއަން ހޭދަ ކުރާ ކަމަށްވެސް މެމްބަރު ހައްމަދު އިބްރާހިމް (ކުޑޫ)ގެ ސިޓީގައިވެއެވެ. އަދި މިހާރު ނިމިފައިވާ 744 ފުލެޓާއި ކޮމާޝަލް އޭރިއާ ދޫކޮށްފިނަމަ ކޮންމެ މަހަކު ދައުލަތަށް 10.8 މިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ކުޑޫގެ ސިޓީގައިވެއެވެ.
އެފްޑީސީގެ ލޯނު ދައުލަތުން އަނބުރާ ދައްކަމުން ދަނީ ގަސްތުގައި ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށާއި އެކަން ކުރަނީ ސަރުކާރުގެ ވަރަށް ބޮޑު އިހުމާލެއް އޮވެގެންކަމަށް ގަބޫލުކުރައްވާކަމަށްވެސް އެފްޑީސީގެ ވެރިން މަޖިލިހަށް ހާޒިރުކޮށްދިނުމަށް އެދި މެމްބަރު މުހައްމަދު އިބްރާހިމް މަޖިލީހުގެ ރައީސަށް ފޮނުވި ސިޓިގައިވެއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގަައި އިމާރަތްކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު ކުރިއަށް އޮތް ރޯދަމަހުގެ ކުރިން އާންމުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.