މޭރީގެ މަރުގެ ތުހުމަތު ކުރެވޭ ލަމްހާ، ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލި މައްސަލައިގައި، ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ ލަމްހާ ދޫކޮށްލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ދައުލަތުން އަލުން ހުށަހެޅުމުން ލަމްހާގެ ބަންދާ މެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމުމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރިއެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ ތުހުމަތު ކުރެވޭ، ހަލީމަތު ލަމްހާއަކީ ނުރައްކާތެރި މީހެއް ކަމަށާއި، އޭނާ އަލުން ބަންދުކޮށްދޭން ދައުލަތުން ހައިކޯޓުގައިވަނީ އެދިފައެވެ. އެހެންނަމަވެސް ލަމްހާ ބަންދު ކުރާކަށް ހައިކޯޓުން މިއަދު އަމުރެއް ނުކުރެއެވެ. ހައިކޯޓުން އެންގީ ކްރިމިނަލް ކޯޓުން ހަތް ދުވަހުގެ ތެރޭގައި އަލުން އެކަމާ މެދު ގޮތެއް ނިންމުމަށެވެ.
ދެ ވަނަ ފަހަރަށް ލަމްހާ ދޫކޮށްލި މައްސަލަ ހިނގަމުންދަނިކޮށް، ދަށު ކޯޓުގައި އޮތް އަސްލު މައްސަލައިގެ ޝަރީއަތުގައި، ލަމްހާ ގައިދީ އަކަށް ބިރު ދެއްކި މައްސަލައެއްވެސްވަނީ ފެންމަތިވެފައެވެ. އެއީ ލަމްހާ ޖަލުގައި ބަންދުކޮށްފައި ހުރިއިރުއެވެ.
އޮކްޓޫބަރު، 2021 ގައި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުލަތުން ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އޭގެ ތެރެއިން ލަމްހާ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ކްރިމިނަލް ކޯޓުން ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ. ލަމްހާ ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުން ބާތިލު ކުރިއިރު، މއެ މައްސަލާގައި ދައުވާ ލިބޭ މާވިން އަދިވެސް ހުރީ ބަންދުގަ އެވެ.
މީގެ ކުރިން 2023 ވަނަ އަހަރު ވެސް ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކުރި އެވެ. ނަމަވެސް އޭރު ހައި ކޯޓުން ވަނީ ލަމްހާ އަލުން ބަންދުކުރަން އަމުރުކޮށްފަ އެވެ.