ޕީޖީ އޮފީހުން ބުނީ އަލީ ފާރިޝްގެ މައްޗަށް ޓެކުމުގެ ހަ ދައުވާއެއް އަދި މަނީ ލޯންޑަރިންގެ ދައުވާއެއް އުފުލާފައިވާކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މަޝްއަރު ޓުއާސް ގްރޫޕްގެ ވެރިޔާ ޢަލީ ފާރިޝްގެ މައްޗަށް ޓެކުމުގެ ދައުވާތައް އުފުލީ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްއަރު ގްރޫޕަށް ރާއްޖޭން އުމުރާއަށް މީހުން ގެންގޮސްދިނުމުގެ ހުއްދަ މިދިޔަ އަހަރު ލިބިފައި ނުވަނީސް އެކި މީހުންގެ ގާތުގައި އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ފައިސާ ނަގާ އެ މީހުން އުމުރާއަށް ގެންގޮސްދީފައި ނުވާތީއާ އެ ފައިސާ އަނބުރާ ރައްދުކޮށްދީފައި ނުވާތީކަމަށެވެ.
އޭގެތެރޭގައި ގްރޫޕެއްގެ ގޮތުގައި އުމްރާއަށް ދާން ބޮޑެތި އަދަދުން ފައިސާ ދެއްކި މީހުންވެސް ހިމެނޭކަމަށް ޕީޖީން ބުނެއެވެ. ޓެކުމުހެ ދައުވާތައް އުފުލާފައިވަނީ ފައިސާ ދެއްކި މީހުންގެ މައްސަލަތައް ވަކިވަކިންކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.
ޢަލީ ފާރިޝްގެ މައްޗަށް އުފުލި މަނީ ލޯންޑަރިން ދައުވާކުރީ އުމުރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ހޯދި ފައިސާ ޓެކުމަކުން މީހުންގެ އަތުން ނިގުޅައިގަތުމަށް ފަހު އޭނާގެ އަމިއްލަ އެކައުންޓުތަކާއި އޭނާގެ ހިއްސާ އޮންނަ ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފްޓަން މޯލްޑިވްސްގެ އެކައުންޓަށް ޖަމާކޮށްފައިވާތީކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
އަލީ ފާރިޝް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072 ރުފިޔާ އަދި 8،100 އެމެރިކާ ޑޮލަރު (124,740 ރުފިޔާ.) ކަމަށް ޕީޖީން ބުނެއެވެ. އަދި މި ފައިސާ ދެއްކި ފަރާތްތަކަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އަލީ ފާރިޝް އަތުން މި ފައިސާ ނަގައިދިނުމަށް ދައުވާގައި އެދިފައިވާނެކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.
އުމުރާއަށް މީހުން ގެންދާނެކަމަށް ބުނެ އަލްމަޝްއަރް ޕްރައިވެޓް ލިމިޓެޑުން 27 މީހުންގެ އަތުން 500،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ނަގާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަލް-ހިޖުރަ ކިޔާ ގްރޫޕަކުން އުމްރާއަށް ގެންދިޔަ މީހުން ރާއްޖެ އަނބުރާ ނާދެވި މައްކާގައި ތާށިވި މައްސަލައެއް މިދިޔަ މަހު ފެންމަތިވިއެވެ. އެ ގްރޫޕުން ގެންދިޔަ 23 މީހުން އެންމެ ފަހުން ރާއްޖެ ގެނައީ ސަރުކާރުންނެވެ.