މޭޔަރު އާޒިމް ވިދާޅުވީ މާލެ ސިޓީއަކީ ވަރަށް ގިނަ ރަށްރަށުން ވަރަށް ގިނަ ފަރާތްތަކެއް ޒަރޫރީ ބޭނުންތަކަށް އަންނަ ތަނެއް ކަމަށާއި، މިގޮތަށް އަންނަ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ފަރާތްތަކާއި، މާބަނޑު މީހުން އަދި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
އެހެންކަމުން އެމީހުން ވާރެއާއި އަވިން ނިވާވެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކޭކަމަށް އާޒިމް ވިދާޅުވިއެވެ. އެކަމަށްޓަކައި ކައުންސިލުން ކަންތައްތަކެއް ރާވަމުންދާ ކަމަށާއި ވަރަށް އަވަހަށް އެކަމަށް އެދެވޭ ހައްލެއް ހޯދެނޭ ކަމަށްވެސް މޭޔަރު އާޒިމް ވިދާޅުވިއެވެ.
މާލެއަކީ ހިތްފަސޭހަ ތަނަކަށް ހަދާދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ބައެއް ސަރަހައްދުތަކުގައި ހުރި ޖާގައިގެ ދަތިތަކައް ބަލައި އެ ތަންތަނަށް ވެސް އެކަށީގެންވާ ހިތްފަސޭހަ ގޮތެއް ހޯދައިދޭނެކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މާލޭގެ މަގުތަކަކީ ސާފު ތާހިރު ތަންތަނަށް ހެދުމަށް ޓަކައި މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އިމާރާތްތަކާއި ގެތަކުން މަގުތަކަށް ފެން ފައިބާ މައްސަލަގައި އެގޮތަށް ހުރި ތަންތަން ހައްލުކުރަމުން އަންނަކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މަގުމައްޗަށް ފެން ފައިބާގޮތަށް ހުރި ތަންތަނުގެ 80 އިން ސައްތަ ތަންތަން މިހާރު ރަނގަޅުކޮށްފައިވާކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.