
ފުލުހުން ބުނީ ހުޅުމާލޭ ރެހެންދި ޓާފް ދަނޑު ކައިރީ މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެެއްގައި އައި ދެމީހަކު ހަމަލާދިން މައްސަލައެއް ރޭ 23:35 އެ އިދާރާއަށް ރިޕޯޓްކުރިކަަމަށެވެ.
މި ހަމަލާދީފައިވަނީ ކޯރާޑިއަކުންކަމަށް ފުލުހުން ބުނެއެވެ. އަދި މި ހާދިސާގައި ޒަހަމްވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދީފައިވާކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
ހަމާލާ ދިނުމަށްފަހު ސައިކަލްގައި ތިބި ދެމީހުން ފިލައިގެން މާލެ ދަނިކޮށްް އެ މީހުން އަތުލައިގެންފައިވަނީ ހައިވޭ މަތިންނެވެ. މި މީހުން އަތުލައިގެންފައިވަނީ އާއްމުންގެ އެހީތެރިކަމާއި އެކު ކަން އާއްމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ.
ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވަނީ ގދ ފިޔޯރީ ހީނާމާގޭ އުމުރުން 25 އަހަރުގެ ރުސްތުމް އިބްރާހިމް އާއި ބ. ގޮއިދޫ އުމުރުން 19 އަހަރުގެ ސައިފުﷲ ފައިސަލްކަމަށް ފުލުހުން ބުނެއެވެ.
ފަހަކަށް އައިސް މާލެ ތެރޭގައި ނުރައްކާތެރި މާރާމާރީތައް ވަނީ އިތުރުވެފައެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ އައިޖީއެމްއެޗް ކައިރީގައި ހުރި މީހަހަށް ސައިކަލްގައި އައި ދެމީހަކު ވަނީ މަރުތޭލަކުން ހަމަލާދީ ޒަހަމްކޮށްލާފައެވެ.