
ހައްޔަރުކުރި މީހާ އިނީ މަސްތުގައި ނޫންކަމަށާއި އޭނާއަށް ސްޓޯރޯކެއް ޖެހުނީކަމަށް އެ އާއިލާއިން ވަނީ ބުނެފައެވެ. އަދި އެމީހާއަށް ފަރުވާ ނުދީ ހަ ގަޑިރަށްވުރެ ގިނަ އިރު ހައްޔަރުކޮށްފައި ބޭންދިކަމަށް ބުނެ އެ އާއިލާއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާއި ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަސްތުގެ ހާލަތުގައި އިން މީހަކު އުޅަނދެއް ދުއްވާކަމުގެ މައުލޫމާތު އިއްޔެގެ 10:13 ހާއިރު އެ އިދާރާއަށް ލިބުނުކަމަށެވެ. އަދި މި ކަން ބެލިއިރު އެމީހާ ދުއްވި ވޭން ހުޅުމާލޭ ފިތުރޯނުމަގުން އަރިމައްޗަށް އަރައި އެކްސިޑެންޓުވެފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އިތުރަށް މި މައްސަލަ ބެލިއިރު އެ އުޅަނދު ފޭސް ދެއަކާއި އެކެއް ގުޅުވައިދޭ ބްރިޖުގެ ޑިވައިޑަރުގައި ޖެހި އެކްސިޑެންޓްވިކަންވެސް އެނގުނުކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މަސްތުގައިވާކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޑްރައިވަރުގެ ކުޑަކަމުދާ ތަކެތި ތަހުލީލުކުރުމަށް ފަހު ނެގެޓިވް ވުމުން އެމީހާ ދޫކޮށްލާފައިކަމަށެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އަމަލުކޮށްފައިވާ ގޮތް ރިވިއުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ހައްޔަރުކުރި ޑްރައިވަރުގެ އާއިލާ މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވަނީ ޑްރައިވަރަކީ ހިތުގެ ޕޭޝަންޓެއްކަމަށް ތަކުރާރުކޮށް ފުލުހުން ގާތުގައި ބުނިކަމަށެވެ. އަދި އޭނާ އެއްވެސް ހަރަކާތެއް ނުކޮށް އިންނަކަމަށް ފުލުހުން ބުނުމުން އޭނާ ޑޮކްޓަރަށް ދައްކާދިނުމަށްވެސް އެދުނުކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލުމުން އޭނާ ޑޮކްޓަރަށް ދެއްކުމުން ސްޓްރޯކެއް ޖެހުނުކަން ޔަގީންކޮށްދީފައިވާކަމަށްވެސް އެ މީހާ ވަނީ ބުނެފައެވެ.