
ހައި ކޯޓުގެ ރަޖިސްޓްރީން ދަައްކާ ގޮތުގައި ރައީސް އޮފީހުން އެ މައްސަލަ އިސްތިއުނާފްކުރީ މިދިޔަ ހަފުތާ ހޯމަ ދުވަހުގަ އެވެ. އެ ކަން މިއަދު ފާހަވަގެން ނޫސްތަކުގައި ރިޕޯޓްކުރި އެވެ.
ސިޔާސީ މަގާމުތަކަށް އައްުޔަނުކޮށްފައިވާ ހުރިހާ މުވައްޒަފުންގެ އެޑްރެސް ފިޔަވައި ނަމާއި، ވަޒީފާ އަދާކުރަމުންދާ ތަންތަނުގެ ތަފްސީލު ހިމެނޭ މައުލޫމާތުތައް އާންމުކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމުން ރައީސް އޮފީހުން އިސްތިއުނާފްކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ.
ނަމަވެސް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅި ދުވަހު ނޫން ޖެހިގެން އަދި ދުވަހު މައްސަލަަ އަނބުރާ ނަގަން ހުށަހެޅި ކަމަށެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 228 މީހުންގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ވެސް ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ.
މި ސަރުކާރުން ވަކިކުރި ކަމަށް ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދައި، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އެ މައްސަލަ މީގެ ކުރިން އޮތީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
އެއީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން އެޅި މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ވަކިކުރި ސިޔާސީ މުވައްޒަފުންނެވެ.
އެ މުވައްޒަފުން ވަކިކުރުމުން ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ސަރުކާރުގެ ވައުދަކީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރުވިޔަނުދީ ހިފެހެއްޓުމެވެ. އެކަމަކު، އެ އަދަދު ފަހަނައަޅައި ގޮސް، ސިޔާސީ މުވައްޒަފުންގެ އަދަދު ހާހަކަށް ވުރެ ވެސް އިތުރުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.