މިރާ އިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާކިޔާއިރު 7.7 އިންސައްތަ ދަށް އަދަދެއްކަމަށެވެ. އެހެންނަމަވެސް މީ މި ޖެނުއަރީގައި ލިބޭނެކަމަށް އަންދާޒާ ކުރިވަރަށް ވުރެ 5 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ.
މީރާއިން ބުނީ ޖެނުއަރީ މަހު ލިބުނު އާމްދަނީ މަދުވުމުގެ މައިގަނޑު ސަބަބަކީ ބޭންކް އިންކަމް ޓެކްސް އަދި ކުންފުނި ފަރުދުން ނޫން އެހެން ފަރާތްތަކުން ނަގާ އާމްދަނީ ޓެކުހުން ލިބިފައިވާ އަދަދު ދަށްވުންކަމަށެވެ. މީގެއިތުރުން ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުގެ އާމްދަނީ ޓެކްސް ނެގުމުގެ ފުރަތަމަ ސުންގަނޑި ރަސްމީ ބަންދު ދުވަހަކާއި ފިމާވުމުގެ ސަބަބުން ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައި ވުމީ އާމްދަނީ ދަށްވި ސަބަބެއްކަމަށްވެސް މީރާއިން ބުނެއެވެ. އެހެންނަމަވެސް މި މުއްދަތުގައި ޖީއެސްޓީގެ އާމްދަނީ އިތުރުވެފައިވުމާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ ރޭޓު އިތުރުވުމާއި ގުޅިގެން ޖެނުއަރީ މަހު ޓެކްސްތަކުން ލިބުނު އާމްދަނީ އިތުރުވިކަމަށް މީރާއިން ބުނެއެވެ.
ޖެނުއަރީ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ލިބުނީ ޖީއެސްޓީންނެވެ، ޖީއެސްޓީގެ ގޮތުގައި 1.59 ބިލިއަން ރުފިޔާ ލިބުނުކަމަށާއި މީ މިދިޔަ މަހުގެ އާމްދަނީގެ 47.7 އިންސައްތަކަމަށް މީރާގެ ހިސާބުތަކުން ދައްކައެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެގޮތުން އިންކަމް ޓެކްސްގެ ގޮތުގައި 1.19 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެއެވެ.
އާމްދަނީ ލިބުނު ގޮތުގެ ތަފްސީލް
- އެއާޕޯޓް ޑިވެލޮޕްމެންޓް ޗާޖުގެ ގޮތުގައި / 115.39 މިލިއަން ރުފިޔާ
- ޑިޕާޗާ ޓެކުހުގެ ގޮތުގައި / 113.49 މިލިއަން ރުފިޔާ
- ގްރީން ޓެކުހުގެ ގޮތުގައި / 108.26 މިލިއަން ރުފިޔާ
- ޓްއަރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި / 65.11 މިލިއަން ރުފިޔާ
ޖަނަވަރީމަހު ލުބުނު އާމްދަނީގެ ތެެރޭގައި 125.49 މިލިއަން ޑޮލަރު ލިބުނުކަމަށްވެސް މީރާއިން ބުނެއެވެ.
ޖެނުއަރީގައި ލިބޭނެކަމަށް އަންދާޒާކުރު އާމްދަނީއަށް ވުރެ 5 އިންސައްތަ އިތުރުވީ ގްރީން ޓެކުހާއި ވާކް ޕާމިޓް ފީގެ އިތުރުން ޓުއަރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ކޯޕަރޭޓް އިންކަމް ޓެކްސް ސުންގަޑީގެ ކުރިން ދައްކާފައިވުމުންކަމަށް މީރާއިން ބުނެއެވެ.
މީގެއިތުރުން ރާއްޖެ އަންނާނެކަމަށް އަންދާޒާކޮށްފައިވާ ފަތުރުވެރިންގެ އަދަދަށްވުރެ ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2 އިންސައްތަ އިތުރުވުމަކީވެސް މިދިޔަ މަހުގެ އާމްދަނީ އިތުރުވި ސަބަބެއްކަމަށް މީރާއިން ބުނެއެވެ.