ޔޫތް މިނިސްޓްރީން ބުނީ އެެމްއެމްސީއަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ހުސްވެފައިވާ އާންމު މެންބަރެއްގެ މަގާމަށާއި މީޑިއާތައް ތަމްސީލްކުރާ މެންބަރެއްގެ މަގާމު އަންނަ އޭޕްރިލްމަހުގެ 28 ދައުރު ހަމަވާތީކަމަށެވެ.
މި ދެ މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނަން ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައިވާކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތެއްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އާންމު މެމްބަރުންގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ ފަރާތްތައް ކަނޑައެޅުމުގައި ދެކަމަކަށް އިސްކަންދޭނެކަމަށް މިނިސްޓްރީން ބުނެއެވެ. އެއީ ގާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ނުވަތަ ދީނީ އިލްމުގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލް ކޮށްފައިވުމާއި އިޖުތިމާއީ ތަރައްގީއާއި ދުޅަހެޔޮކަން (ޚާއްސަ ގޮތެއްގައި ކުޑަކުދިންނާއި އަންހެނުންނާ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމުގައި) މަސައްކަތްކޮށްފައިވުމެވެ.
ދެ މެމްބަރުން ވެސް އިންތިހާބު ކުރަނީ ދެ އަހަރަށެވެ.