
ޕީޖީ އޮފީހުން ބުނި ގޮތުގައި މި ފޯރަމް ބޭއްވުމުގެ މަގުސަދަކީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގެ ޝަރުތުތައް މުރާޖައާކޮށް މުތާލިއާކުރުމުގައި، ގެންގުޅޭނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގައާއި، މި ނިޒާމު މިހާރަށްވުރެ ފުރިހަމަކޮށް، ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ހައްގުތަކާއި މުޖުތަމައުގެ ހައްގުތައް ރައްކާތެރިކޮށް އެއްހަމަކުރެވޭނެ ގޮތަށް މި ނިޒާމަށް އީޖާދީ އަދި އީޖާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށުމެވެ. އަދި ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭގޮތުން ވަކިވަކި އިދާރާތަކަށް ކުރިމަތިވާ މައްސަލަތައް ދެނެގަތުމާއި އެ ކަންކަމަށް އޮތް ހައްލު ހުރިހާ އިދާރާތަށް ގުޅިގެން ދެނެގަތުމަކީ މި ފޯރަމުގެ މަގުސަދެއް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ބަންދު ފޯރަމްގެ ފުރަތަމަ ބައްދަލުވުމުގައި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ބަދަލުގައި، އެޅިދާނެ އެހެން ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް އެޅުމަށް މިހާރު އޮތް ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާއި، މޮނިޓަރިން މެކޭނިޒަމެއް ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކުން ތައްޔާރުވެފައިވާ މިންވަރާ ގުޅިގެން ތަފްސީލީ ގޮތެއްގައި މަޝްވަރާ ކުރެވުނު އެވެ. އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކާ މެދު މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތުގެ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މީހުންގެ ތެރެއިން ރިމާންޑް ޖަލުތަކަށް ބަދަލުކުރަންޖެހި، ބަދަލު ނުކުރެވިވާ މީހުންނަށް، ކަސްޓޯޑިއަލް ޖަލުގައި ރިމާންޑް ޖަލެކޭ އެއްފެންވަރަކަށް ހިދުމަތް ދިނުމާމެދު އަދި ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ ބިދޭސީންގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނާ ހިއްސާކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ނިންމުނެވެ.
ބަންދު ފޯރަމް ސިލްސިލާކޮށް ކޮންމެ އަހަރަކު ކުރިއަށް ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ނިންމަވާފަ އެވެ.