
މިނިސްޓަރު މިހެން ވިދަޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ އަހާ ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ޑރ ޝަހީމް ވިދާޅުވީ ހައްޖުގެ ނިޒާމު ހަރުދާކުރުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް ބޮޑު ވަުދެއްގެ އިތުރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއްކަމަށެވެ. އެގޮތުން ހައްޖަށް މީހުން ގެންދިޔުމުގެ އަގުކުރަކުމުގެ މަސައްކަތް ކުރުމަށް ހައްޖު ކޯޕަރޭޝަނުން ތަސައްވަރެއް ކަނޑައަޅައިގެން މަސައްކަތް ކުރަމުން އަންނަކަމަށް ޝަހީމް ވިދާޅުވިއެވެ.
ކޯވިޑްގެ ބަންދާ ގުޅިގެން އައި ދަތިކަމާއި އެކު ރާއްޖޭގެ ހައްޖު ކިއުގައި މިވަގުތު 9000 މީހުން ތިބިކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ އެހެންނަމަވެސް މިހާރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށެވެ. ޝަހީމް ވިދާޅުވީ ކިއުއަށް އަންނަ ތަރުތީބަށް ރައީސް މުއިއްޒު ވަރަށް އަދުލުވެރި ހައްލެއް ހޯދަވާދެއްވާފައިވާކަމަށާއި ހައްޖު ކިއުގެ މައްސަލަ ވަރަށް އަވަހަށް ހައްލުވެގެންދާނެކަމަށެވެ.
ރާއްޖެއިން މިހާރު ހައްޖަށް ގެންދިޔުމަށް ކޯޕަރޭޝަނުން ބޮލަކަށް ނަގަމުން އަންނަނީ 69965 ރުފިޔާއެވެ. އެ އަގު ކުޑަކުރުމަށް ކޯޕަރޭޝަނަށް ފައިސާ ހޯދުމަށް އެ ކުންފުނިން ވަނީ ރިއަލް ސްޓޭޓް ވިޔަފާރިއާއި ގެސްޓް ހައުސް ވިޔަފާރީގެ ތެރެއަށް ވަނުންމަށް ނިންމާފައެވެ. އަދި އެކަމަށް ބޭނުންވާ އިމާރާތް އެޅުމުގެ މަސައްކަތް އެކުންފުނިން ވަނީ ފަށާފައެވެ.