
މިނިސްޓަރު އައިޝަތު ޝިހާމް މިކަން ފާހަގަކޮށްފައިވަނީ ރޭ ކުރިއަށްދިޔަ އަހާ ފޯރަމް ގައި އާންމުން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
ރާއްޖޭގައި އިސްރަށްވެހިންނާ ގާތްކޮށް، އެމީހުންނާއެއްކޮށް ބައްދަލުކޮށްލާ، އެމީހުން އެއްކޮށް ވަގުތު ހޭދަކޮށްލާ ކަހަލަ ފުރުސަތުތަކެއް ބޭނުންވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ރާއްޖޭގެ 3 ސަރަހައްދެއްގައި އިސްރަށްވެހިންގެ ނާދީތަކެއް ހުޅުވުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ވާހަކަ ފާހަގަކޮށްފައެވެ.
އެގޮތުން މިދިޔަ އަހަރު ފެބްރުއަރީ މަހު އިސްރަށްވެހިންނަށް ފުރަތަ ނާދީ މާލޭގައި ހުޅުވިފައިވާކަން މިނިސްޓާ ފާހަގަކުރެއްވިއެވެ.
މިނިސްޓާ ވިދާޅުވިގޮތުގައި ނާދީއެއް ހުޅުވުމުން ފާހަގަވެގެންދަނީ އިސްރަށްވެހިންނަށް ލިބޭ ހިތްހަމަޖެހުމާއި، ރަށްޓެހިން ފެނުމުން ސިއްހަތަށާއި ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަންނަ ތަފާތު ކަމަށެވެ. އެއާއެކީގައި ރާއްޖޭގެ އެހެން 2 ސަރަހައްދެއްގައިވެސް އެ މަސައްކަތް ކުރިއަށް ގެންދާކަން އައިޝަތު ޝިހާމް ފާހަގކުރެއްވިއެވެ.
މިނިސްޓްރީން މިވަގުތު އިތުރު ދަތުރުތަކެއްވެސް އަތޮޅުތެރެއަށް ކުރަމުންދާކަމަށާއި ދަތުރުގެ ތެރެއިން އިސްރަށްވެހިންނާއެކު މަޝްވަރާކުރައްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.އަދި އުއްމީދަކީ މެނިފެސްޓޯގައި އޮތްގޮތަށް އިސްރަށްވެހިންނަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.