ads
ފޮޓޯ: ފޮރިން މިނިސްޓްރީ
އދ ގެ ވީޓޯ ކުރުމުގެ ބާރު އުވާލުމަށް ހަލީލް ގޮވާލައްވައިފި
އދ ގެ މަޖިލީހަކީ ޒަމާނަށް ފެތޭ ބައިނަލްއަގުވާމީ ގާނޫނު ނެގެހެއްޓޭ މަޖިލީހަކަށް ހެދުމަށްޓަކައި، ވީޓޯ ކުރުމުގެ ބާރު އުވާލުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު ހަލީލް މިހެން ވިދާޅުވީ އޮމާންގެ ވެރިރަށް މަސްކެޓްގައި ކުރިއަށްދާ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ދެވަނަ ޕްލެނަރީ ކަމުގައިވާ "އެމްޕްލިފައިން ދަ ވޮއިސް އޮފް ގްލޯބަލް ސައުތު" ގައި ޕެނަލިސްޓްއެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުންނެވެ.

އދ ގެ ވީޓޯ ކުރުމުގެ ބާރު އުވާލުމަށާއި، ނޮން-ޓްރެޑިޝަނަލް ސަލާމަތީ މައްސަލަތަކާއި ދުނިޔޭގެ ސަލާމަތަށް ކުރިމަތިވަމުންދާ އާ ގޮންޖެހުންތަކަށް އިސްކަންދިނުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

މިނިސްޓަރު ހަލީލްގެ ތަގްރީރުގައި، ބައިނަލްއަގްވާމީ ނިޒާމު އިސްލާހުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލެއްވި ގޮވާލުން ތަކުރާރުކުރެއްވެވިއެވެ. އެ ބައިނަލްއަގުވާމީ ނިޒާމުން ނިންމާ ނިންމުންތައް ނިންމުގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް، ވަކިން ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް، އިސް ދައުރެއް ދިނުމުގެ މުހިންމުކަން ހަލީލް ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަކޮށް އދ ގެ ސަލާމަތީ މަޖިލީހުގައި ނޮން-ޕާމަނަންޓް ރޮޓޭޓިން ސީޓެއް ހަމަޖެއްސުމަށްވެސް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ. 

މީގެ އިތުރުން، އިންޑިއާ ކަނޑުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ލިބިގެންދާ ފުރުސަތުތަކާ ގުޅޭގޮތުން އެ މަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ގާނޫނާ ހިލާފަށް ކަނޑު މަތީގައި ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވިލުންތެރި ރާއްޖެއެއް ގާއިމުކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގެ ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓާ ގޮވާލެއްވިއެވެ.

މިގޮތުން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މި ކޮންފަރެންސްއަކީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ އެންމެ އިސްވެރިންނާއި، އިސް އޮފިޝަލުންނާއި، ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ފަރާތްތަކާއި، ސްކޮލާސް އަދި ތަޖުރިބާކާރުންގެ ބައިވެރިވުން ހިމެނޭހެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. 

މިހާރު ކުރިއަށްދާ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ޝިއާރަކީ "ވޮޔޭޖް ޓު ނިއު ހޮރައިޒަންސް އޮފް މެރިޓައިމް ޕާޓްނަރޝިޕް" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް