މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ނެގުނި ވޯޓުގައި، ހާޒިރުވެ ތިއްބެވި 69 މެންބަރުން ވަނީ ނާޝިދުގެ ނަން ފާސްކޮށްފައެވެ. މި މަގާމަށް ނާޝިދު އައްޔަންކުރެއްވުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އޭސީސީގެ ގާނޫނަށް ގެނެވުނު އިސްލާހާ އެއްގޮތަށް، އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު މިހާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް މި މަގާމުތަކަށް މީހުން އައްޔަންކުރެވޭނީ މަޖިލީހުގެ ރުހުން ލިބުމުންނެވެ.
މި މަގާމަށް ހުސްވެފައި އޮތީ ކުރީގެ ނައިބު ރައީސް އަބްދުލްސަލާމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަބްދުލްސަލާމާއި އޭސީސީގެ މެންބަރު ތޯހާ މުހައްމަދު އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި ވަނީ ކޮމިޝަނުގެ ޒިންމާތައް މިނިވަންކަމާއެކު އަދާނުކުރެވޭ މާހައުލެއް އޮތުމެވެ.