
އެމްޑީޕީގެ 12 މެންބަރުން ހުށަހެޅި މި މައްސަލައިގައި ޖުމުލަ ދެ ގަޑިއިރުގެ ވަގުތު ކަނޑައެޅިފައިވާއިރު، އޭގެ ތެރެއިން އެއް ގަޑިއިރު ދޭން ނިންމީ މިނިސްޓަރު އިހުސާންގެ ޖަވާބުދާރީވުމަށެވެ. އަނެއް ގަޑިއިރު ހަމަޖެހިފައިވަނީ މެންބަރުންގެ ސުވާލުތަކާއި ބަހުސަށެވެ.
މިނިސްޓަރު އިހުސާންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ޑީއެންއާރު ޑޭޓާ ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމާއި، ބެސްޓިނެޓް މައްސަލައިގައި އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހޭ އެއްބަސްވުމެއްގައި ސޮއިކުރުން ހިމެނެއެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެވެއެވެ.
މެންބަރުންގެ ސުވާލަށް ލިބޭ ވަގުތު މަދުކަމަށް ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، މިނިސްޓަރުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ގިނަކަމަށް ބުނެ ޕީއެންސީގެ މެންބަރުން ވަނީ އެއް ގަޑިއިރުގެ ވަގުތު ދިނުމަށް ތާއީދުކޮށްފައެވެ.