
މިނިސްޓަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ ހޯމަ ދުވަހުން ފެށިގެން އޮކްޓޯބަރު 4 އާ ހަމައަށް ކުރިއަށްދާ މި ސެޝަންގައި، ފޮރިން މިނިސްޓަރު ހައި ލެވެލް ޖެނެރަލް ޑިބޭޓުގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މުހިންމު މަޝްވަރާތަކެއްގައި ބައިވެރިވެވަޑައިގަތުމަށްވެސް ހަމަޖެހިފައެވެ.
މި ސެޝަންގައި މަރުގެ އަދަބާއި، އާންމު މީހުން މެރުން ހުއްޓުވުމާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ކަށަވަރުކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާނެއެވެ. ރާއްޖެއަކީ 2023-2025 އަށް ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ގައުމެކެވެ.
އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް އެކި ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށް އުފައްދާފައިވާ އދ.ގެ މި ގޮފީގެ މެންބަރުކަން ރާއްޖެއިން މިހާރު އަދާކުރަމުންދަނީ ތިން ވަނަ ފަހަރަށެވެ.