
ކުޑަހުވަދޫގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރެވެ. މި މަޝްރޫއުގެ ދަށުން ކުޑަހުވަދޫ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މިހާރު ހުރި ފެނުގެ ނިޒާމުގެ ކެޕޭސިޓީވެސް އިތުރުކުރެވޭނެއެވެ.
މަޝްރޫއުގެ ދަށުން ދުވާލަކު 100 ޓަނުގެ ފެން އުފެއްދޭ ވަރުގެ ދެ އާރުއޯ ޕްލާންޓް އަދި 700 ޓަނުގެ ދެ ފެން ޓޭންކު ބެހެއްޓުމުގެ އިތުރުން ނަރުދަމާ ޕަންޕިން ސްޓޭޝަނާއި ޖަންކްޝަން ބެހެއްޓުމާއި އައުޓްފްލޯ އެޅުމުގެ މަސައްކަތް ކުރެވޭނެއެވެ. މި މަސައްކަތްތައް 700 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުޑަހުވަދޫގައި ހިއްކާފައިވާ ބިމުގައި ވޭތުވެދިޔަ 11 އަހަރު އެއްވެސް އަސާސީ ހިދުމަތެއް ގާއިމުކޮށްފައި ނުވާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީ ހައުސިން ޔުނިޓުތައްވެސް އަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.