
ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ
އަހަރެންގެ މޫނާއި ދިމާއަށް 'މޮންސްޓަރ' ތިރިވެލީ ދެ ލޮލުން އަލިފާންކަނިބުރާ ހާލަތުގަ އެވެ.
"ޓޯކް. ޓު. މީ..!!" ހަރުކަށިކަމާއެކު އީތަން އަމުރުކުރި އެވެ.
އަހަރެންގެ މޫނުގައި އިނގިލިތަކުން ބީހިލަމުން ގަދަކަމުން ކަހަލަގޮތަކަށް އޭނާގެ މޫނާއި ދިމާއަށް އަނބުރާލި އެވެ.
"ވާހަކަދައްކާކަށް ބޭނުމެއް ނޫން..! އަހަރެންގެ ލައިފް..! އަހަރެން ބޭނުން ގޮތެއް..!" ސީދާ ލޮލަށް ބަލަމުން އަހަރެން ބުނެލީ ޖެހިލުމެއް ނެތި އެވެ.
ނުރައްކާ މިންވަރަކަށް އަހަރުމެން ދެމީހުންގެ މޫނުގާތްވެފައިވެ އެވެ. ކިރިޔާ ގުޑާލިޔަސް ދެމީހުންގެ ނޭފަތް ބީހިލާނެ އެވެ.
"ދެން، ދިސް އިޒް މައި ވިޝް..!"
އެބުނި އެއްޗެއް ދޭހަކުރާނެ ފުރުސަތެއް ނުލިބުނެވެ. އަހަރެންގެ އޮކްސިޖަން ހޮޅި ބަންދުކޮށްފި އެވެ. ހަރަކާތެއް ގެންނާނެ ގޮތެއްވެސް ނޭގުނެވެ. ލިބުނު ޝޮކްގައި އަތެއް ފައެއް ގުޑުވާނުލެވުނެވެ. ވާނުވާ ވިސްނާލުމަށް އަހަންނަށް ވަގުތުނެގި އެވެ.
ނޫނެކެވެ! ކޮންމެ ފަހަރަކު ތިގޮތަށް އަހަރެންގެ ކޮންޓްރޯލް ދޫކޮށްލާނެކަމަށް ހީކުރެވުމަކީ އިތަން މުހައްމަދު މަނިކަށް ކުރެވުނު ކުށް ހީ އެކެވެ. ހަދާނެ ހުރިހާ އެއްޗެއް ހަދާފައި، ކުރާނެ ހުރިހައިކަމެއް، ހިތުހުރިގޮތަކަށް ކޮށްފައި 'ކިސް' އަކުން މިފަހަރު ނިންމައެއް ނުލެވޭނެ އެވެ. 'މިސްޓޭކްސް'ގައި މަލަން އަޅައި ފޮރުވުނު ވަގުތު މާޒީވެއްޖެ އެވެ.
މިފަހަރު އޮންނާނީ ރިދީ ބޭނުންވާ ގޮތެވެ. އީތަން ބޭނުންވާ ގޮތް މިފަހަރު މަސައްކަތެއް ނުކުރާނެ އެވެ.
ދެއަތުން އީތަންގެ ގިރުވާން އަހަރެންގެ އަތަށް އޮޅާލާފައި ގައިހުރި ބާރަކަށް ކޮށްޕާލީމެވެ. އީތަން ވިއްސައިގެން ދިޔައީ މާދުރަށެވެ. އަހަރެންގެ މި ހަރަކާތް ގަބޫލުކުރާން އީތަންއަށް ވަގުތު ނެގި އެވެ. އެފަދަ ގޮތަކަށް ދުވަހަކުވެސް އަހަރެން އީތަން ނުހުއްޓުވަމެވެ. އިހްތިރާމް ކުޑަކޮށް އީތަންއާއި ދުވަހަކުވެސް ކުރިމަތި ނުލަމެވެ. އެކަމަކު މިވަގުތު އަހަރެންގެ އިހްސާސްތައް މުޅިން ތަފާތެވެ.
ފެންނަ ފެނުމަށް އަހަރެންގެ އެ ހަރަކާތުން އޭނާއަށް ހަގީގަތުގައިވެސް އަސަރުކޮށްފި އެވެ. ހިތުގައި ޖެހިއްޖެކަން ދުލުން ބުނާކަށް ނުޖެހެ އެވެ. ހުޅުވިފައިވާ ސަފްހާއެއް ފަދައިން އީތަންގެ ލޯ އަހަރެން ދަންނަމެވެ. އެލޮލުން ފެންނަ ކޮންމެ އަސަރެއް ކޮންމެ އިހްސާސެއް، ފަރިތަކަމާއެކު ކިޔާލުމަކީ ފަސޭހަކަމެކެވެ. އީތަންފަދަ ހިތްގައިމު ފިރިހެނަކަށް ނޫނެކޭ ބުނެ، މިފަދަ ގޮތަކަށް އިންކާރުކުރި ފުރަތަމަ އަންހެންކުއްޖަކީ އަހަރެން ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އީތަންއަކީ ގުދުރަތުގެ ކުޅަދާނަކަމުގެ ފުރިހަމަ މިސާލެކެވެ! އަހަރެންގެ ހަރަކާތުން އީތަންގެ 'އީގޯ ހާރޓް' ނުވެ ނުދާނެ އެވެ. ކަށަވަރެވެ! ނުރައްކާ މިންވަރަކުން އަހަރެންގެ މި އަމަލުގެ އަގު އަދާކުރަންޖެހޭނެކަން ސިކުނޑި، ވިސްނައިދިނެވެ. ރުޅިވެރިކަމާއެކު އަހަރެންނާއި އީތަން ކުރިމަތިލި އެވެ. ދެލޮލުން އަލިފާންކަނި ބުރަ އެވެ. ކޯ ކަށިގަނޑު ހީވަނީ ދެންމެ ދެންމެ މުގުރިދާނެހެނެވެ.
ރިޖެކްޝަން'އަކީ އީތަން މުހައްމަދު މަނިކަށް ތަހަންމަލްކުރެވޭނެ ކަމެއް ނޫނެވެ. މިވަގުތު އަހަރެން އެކަން މިކުރީ ދުވަހެއްގައިވެސް އީތަންއަށް އަންދާޒާވެސް ކުރެވިފައިނުވާފަދަ ގޮތަކަށެވެ. އަހަރެންގެ މި އަމަލަކީ އިތަންއަށް އެންމެ އެކަށީގެންވާ މިންވަރު ނޫންކަން އޭނާއަށް ވިސްނައިދޭކަށްވެސް މިވަގުތު ބޭނުމެއް ނޫނެވެ. ހަގީގަތުގައި އަތްތިލައިގައި ހުރި ބާރެއް ލާފައި އީތަންގެ ދޮން މޫނުގައި އަހަރެންގެ އިނގިލިތަކުގެ ނިޝާން ފަވާލަންވެސް ޖެހެ އެވެ. އެކަމަކު އެކަމެއްވެސް އަހަރެން ނުކުރަމެވެ. ގަޔާއި ދުރަށް ކޮށްޕާލުމަކީ އޭނާގެ އަދަބަށް ބަލާއިރު ކުޑަ މިންވަރެކެވެ.
"ވަޓް...! ތިގޮތަށް އަހަންނާއި ދިމާއަށް ބެލުން ހުއްޓާލާ..!" އީތަންގެ ރުޅިވެރި ބެލުމުން އަހަންނަށް އަސަރެއް ނުކުރިކަން އަހަރެންގެ ޖުމުލައިން އޭނާއަށް ޔަގީންވާނެ އެވެ. ކޮންމެ ފަހަރަކު ހިތުހުރި ގޮތެއް ނުހެދޭނެކަން އީތަން ގަބޫލުކުރުން، ނުކުރުން އެއީ އޭނާގެ އަމިއްލަ މައްސަލައެކެވެ.
ނުރައްކާތެރި ހިނގުމަކުން އީތަން އަހަންނާއި ގާތްވާން ފެށި އެވެ. އަހަރެންގެ ނާރުތަކުގައި ލޭހިނގުން އަވަސްވވި އެވެ. އެއްބަސްވާން ބޭނުން ނުވިޔަސް، ހިތް ބިރުގަތެވެ. ޖެހިލުންވެ ނިއްކުރިން ދާތިކިވެސް ހިލުވާލި އެވެ.
ގޮތް ނޭގި އަނގަޔަށް ގިނަވެފައި ހުރި ކުޅު ދިރުވާލެވުނީ ގުށްކިޔާފަ އެވެ. އަހަރެންގެ ކޮނޑުގެ ދެފަރާތުން ނުހަނު ބާރަށް ހިފަހައްޓާފައި 'އެންދުގެ ކޮޅު'ގައި އަހަރެން ތަތްކޮށްލި އެވެ. އޭނާގެ ނިޔަފަތިތައް އަހަރެންގެ މަޑުމަޑު ހަންގަނޑު ޒަހަމްކުރަމުންދިޔައީ ރަހްމެއް ނެތި އެވެ. އަހަރެންގެ ލެއިން އޭނާގެ އިނގިލިތައް ތެމެމުންދިޔަ އެވެ. ކިތަންމެ ތަދުވިޔަސް، ތަހަންމަލް ނުކުރެވޭވަރުގެ ގަދަ ވޭން އެޅިޔަސް، އަހަރެން އަޑެއްވެސް ލައްވާނުލަމެވެ.
މިވަގުތު އީތަން ދެމުންދާ ޖިސްމާނީ އަނިޔާއަކީ، ނަފްސާނީގޮތުން އީތަން ދެމުންދާ އަނިޔާއަށް ބަލާފައި ކުޑަ މިންވަރެކެވެ. ކެތްކުރާން އަހަރެން ދަންނަމެވެ. މިހިތުގެ ހާލު އެހެން މީހަކަށް އިހްސާސެއް ނުވާނެ އެވެ.
"ތިފަދަ ގޮތަކަށް އަހަންނާމެދު ކަންތައް ތިކުރަނީ ކީއްވެގެން...؟" ބުނެވުނީ ވައި އަޑުންނެވެ.
އެކަމަކު އެއީ އަހަރެންގެ ކަންފަތްބުޑުގައި ގަދަ އަޑެކެވެ. ބިރުން ފިއްކެނޑިފައި އަހަރެންގެ ދެ ލޯ އިހްސާސސްކުރަމުން ދިޔަ، ބިރުވެރިކަން އީތަންއަށް އަންދާޒާ ކުރެވޭނެ އެވެ. އާއެކެވެ. އަހަރެން އީތަންދެކެ ބިރުގަނެ އެވެ.
"އޯހހހވވވ.... ސޯ ޔޫ އާރ ޖެލަސް އޮފް ޒާޔާ..! އިޒް އިޓް..؟" ގަސްތުގައި އޭނާ ކުރީ މަލާމާތެވެ.
އަހަރެން ޖަވާބެއް ނުދެމެވެ. އަހަރެންގެ ހިމޭން ޖަވާބު އީތަން ބޭނުންގޮތަކަށް ބަލައިގަންނާށެވެ. ކުރާނެ މަލާމާތެއް ކުރާށެވެ. ކިޔާނެ އެއްޗެއް ކިޔާށެވެ. މި ހިތުގެ ޒަހަމް ދުވަހަކުވެސް ފަސޭހަވުމެއް ނެތްކަން ޔަގީންވެއްޖެ އެވެ.
"މިސް ރިދީ އިމާދު... ކަނުލާ އަޑުއަހާ...! ތިއީ އަހަރެންގެ ގަރލްފްރެންޑްކަމަށް ހެދިގެން އުޅުން ހުއްޓާލާ..! އަހަރެން އިގްނޯރ ކުރުމުގެ އެއްވެސް ހައްގެއް ކަލެއަށް ނޯންނާނެ.. ދެތިން ދުވަހަކު، އަހަރެންގެ ފޫހިފިލުވާލުމަށް ގާތްކޮށް ވާހަކަދައްކާލާ، މާނައެއް ނެތް ދެތިން ވައުދުވީތީ، އެކަމުގެ ފައިދާ ނަގަން ހިތަށްވެސް ނާރުވާތި..! އަހަރެންގެ ބޮލަށް އަރައި އިނދެގެން އަހަރެންގެ މައްޗަށް ނުފޫޒެއް ނުހިންގޭނެ..!އަމިއްލަ ހައިސިއްޔަތު ވިސްނޭތަ..؟" ހަރުކަށިކަމާއެކު އީތަން އަހަންނަށް އަމުރުކުރީ ހުތުރު ތުހުމަތުތަކާއެކު އެވެ.
ރުޅިއައުމަށްފަހު ކިޔޭ ނުކިޔޭ އެއްޗެއް އީތަންއަށް ނޭގޭނެކަން އެންމެ ރަގަޅަށް އިނގެންޖެހޭނެ މީހަކީ އަހަރެންކަން ގަބޫލުކުރަމެވެ. އެކަމަކު ދެންމެ އެ ބުނެލި ޖުމުލަތަކުން އަހަރެންގެ ހިތް ކުދިކުދިވެ ފިސްފިސް ވެއްޖެ އެވެ. އަހަރެންގެ ކޮނޑުން ހޯސްލާފައި ލޭ އަންނަކަން ޔަގީނެވެ. ކެތްނުކުރެވޭވަރު ދިލަގަދަ ވޭނުން އަހަރެންގެ ޖިސްމު ފުނޑުފުނޑުވަނީ އެވެ.
"ޔޫ އާރ ހަރޓިން މީ މޮންސްޓަރ... ދުރަށް ދޭ..!" ލިބުނު ކުޑަކުޑަ ހިތްވަރުގައި އަޑުގެ ނެތްތަނަށް އަހަރެން ހަޅޭއްލަވައިގަތީމެވެ.
"މޮންސްޓަރ..!؟" ހިންދީ ފިލްމްތަކުގައި ނުބައިބައި ކުޅޭ، މީހުންފަދައިން ނުބައި ރާގެއްގައި ބާރަށް އީތަން ހޭންފެށި އެވެ.
"ހަގީގަތުގައިވެސް އެންމެ ލަފްޒަކުން އަހަރެންގެ ތައާރަފް ދެވޭނެ އެންމެ ފުރިހަމަގޮތަކީ ތިއީ.." ނަފްރަތުން ފުރިގެންވީ ބެލުމަކުން އީތަން އަހަންނާއި ކުރިމަތިލި އެވެ.
"އެހެންވީމައި އަހަންނާއި މައްލަވަކުރަން ނުހަދާ..! އަހަންނަކީ އިކާން ފަދައިން ކަލޭގެ އަނދިރި ދިރިއުޅުން އަލިކޮށްދޭނެ އުއްމީދީ ހުޅުކޮޅެއް ނޫން.." ނުރައްކާގެ ހުރިހައި ސިގުނަލެއް އީތަންގެ އަޑާއި ރާގުގައި ހިމެނުނެވެ.
ސިއްސައިގެން ގޮސް އީތަންއާއި ދިމާއަށް ބަލައިލެވުނެވެ. އެހެންވީމައި ހަގީގަތަކީ އިކާންއާއި އަހަރެން ދެއްކި ހުރިހައި ވާހަކައެއް ސިއްރުން އީތަން އަޑުއެހީ އެވެ.
"އަހަންނަކީ މޮންސްޓަރއެއް... އަލިކަމުގެ ތެރެއިން ނެރި އަނދިރިކަމުގެ ތެރެއަށް ތަކުރާރުކޮށް ރިދީ ވައްޓާލާނެ މީހަކީ މި މޮންސްޓަރ..! އަހަންނަކީ އިންސާނުން ބިރުގަންނަފަދަ ކަޅު އަނދިރިކަމެއް.. މި މޮންސްޓަރ، ރިދީގެ ކޮންމެ އުފާވެރި ހިނިތުންވުމެއް ފަނޑުކޮށްލާނަން... ވާނުވާވެސް އަންގާނުލައި ރިދީގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލާނެ އަނދިރިކަމެއް މިއީ..! ހަނދާންކުރާތި، ރިދީގެ ދިރިއުޅުން އަހަރެންގެ ދެއަތުން ބަރުބާދުކޮށްލާނަން.." ޖެހިލުމެއްނެތި ދުލަށް އައިހައި އެއްޗެއް ކިޔަމުން އީތަން އިންޒާރުދިނެވެ.
ހުއްޓުމެއް ނެތް ކަރުނަ އަހަރެންގެ ލޮލުން ފައިބަނީ ކީއްވެކަމެއް ނޭގެ އެވެ. ކޯތާފަތް ތެމިއްޖެ އެވެ. ރޯންޖެހޭ ސަބަބެއް ނެތެވެ. އުއްމީދެއް ނެތް ހަޔާތަކުން އަލިކަމެއް ހޯދަން ގަދަކަމުން އުޅެވުނީ އަހަންނަށެވެ. ދުނިޔޭގެ ހަގީގަތް ހަނދާން ނެތުނީ އެވެ.
އީތަންގެ ރުޅިއަކީ ކޮންމެ ކޮންމެ މީހަކަށް ހަޖަމްކުރެވޭނެ ވޭނެއް ނޫނެވެ. މިފަދަ ކިތަންމެ ވަގުތެއް އަހަރެންވާނީ ތަހަންމަލް ކޮށްފަ އެވެ. އެކަމަކު މިވަގުތު މިހިތަށް ވިސްނައިދޭނެ ގޮތެއް ނޭގެ އެވެ. އަހަރެންގެ ކުރިމަތީގައި އިންސާނެއްގެ ސިފައިގައި ހުރީ ގޮތްނޭގޭ މަހްލޫގެކެވެ. އޭނާ މައިތިރިކުރާނެގޮތެއް އަދި އޭނާއަށް ހެޔޮ ބުއްދި ވިސްނައިދޭނެ ގޮތެއް ނުވިސްނެ އެވެ. ނުވަތަ އެކަން ކުރާން މިއަދު އަހަރެން ތައްޔާރެއް ނޫނެވެ. ކުއްލިޔަކަށް ބަލައިލެވުނީ އަޑެއް އިވުނީތީ އެވެ.
"އީތަން!" އަޑަށް ބާރުލާފައި އަހަރެން ހަޅޭއްލަވައިގަތީމެވެ.
ފެންއަޅާއި ފުރާފައި ހުރި ބިއްލޫރި ޖަގު ނަގާފައި އަހަންނާއި ދިމާއަށް، އަތުހުރިކޮޅަށް ހޫރުވާލަން އީތަންހުރރީ ތައްޔާރަށެވެ. އަހަރެންގެ އަޑަށް އީތަން މައިތިރިވި އެވެ. އަހަރެންގެ ފިއްކެނޑިފައިވާ މޫނަށް އޭނާ ބަލައިލީ ތަފާތު ނަޒަރަކުންނެވެ. އެހުރި ފިޔަވަޅުމަތީގައި ހުރެ، ބިއްލޫރި ޖަގް، އޭގެ ޖާގައިގައި ބޭންދި އެވެ.
އިސްޖަހައިލަމުން އީތަން އަހަންނަށް ފުރަގަސްދިނެވެ.
"ފަހަރެއްގައި ވެދާނެ، ތިއީ ކޮންމެވެސް ނަސީބުވެރިއެއްގެ ޕްރިންސެސްއަކަށް..! އެކަމަކު އަހަންނަކީ ތިފަދަ އަންހެންކުއްޖެއްގެ ޕްރިންސް ޗާމިންއަކަށް ދުވަހަކުވެސް ވެވޭނެ މީހެއް ނޫން..! އަހަންނަކީ އުފާތައް ވީރާނާކޮށްލާ، ރަހުމުކުޑަ 'މޮންސްޓަރ'އެއް..!" އީތަންގެ ޖުމުލަތަކުގައި ރިހުންވި އެވެ.
އަޑުއަހަން ކަންފަތަށް ފަސޭހައެއް ނުވި އެވެ. އަހަންނަށް ބަލައިލެވުނީ ސައިޑްޓޭބަލް މަތީގައި އީތަން ބެހެއްޓި ބިއްލޫރި ޖަގަށެވެ. އެ ޖަގު، އަހަރެންނާއި ދިމާއަށް އެއްލިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ހަގީގަތުގައިވެސް އީތަން މަސައްކަތްކުރީ އެ ބިއްލޫރި ބޮޑު ޖަގުން އަހަންނަށް ހަމަލާދޭން ހެއްޔެވެ؟ އެކަން ކުރަން އޭނާ ޖެހިލުމެއް ނުވާނެބާ އެވެ؟ އެތައް ސުވާލަކުން އަހަރެންގެ ނިއްކުރި ނުތަނަވަސްވި އެވެ. ފެނުނީ ދޮރުން ބޭރަށް އީތަން ނިކުތްތަނެވެ. އޭނާއާއިމެދު އަހަރެންގެ ހިތުގައި ބިރުވެރިކަން މިވަގުތު ނެތީ ކީއްވެބާ އެވެ؟؟ އީތަންގެ ފަރާތުން އަހަންނަށް ނުރައްކަލެއް އޮތްކަމަށް ހިތް އެއްބަސް ނުވަނީ ކީއްވެބާ އެވެ؟
އަހަރެން ދެ ލޯ ފޮހެލީމެވެ. ކަރުނައިން ފޯވެފައިވާ ކޯތާފަތް ސާފުކޮށްލީމެވެ. ހިނދުކޮޅެއްކުރީން ނުރައްކަލެއް ކަމުގައި އިހްސާސްކުރެވުނު ފެން ޖަގު ނަގާފައި ފެން ތައްޓަށް އަޅާލީމެވެ. ވިސްނާލުމަށްފަހު ފެންފޮދެއް ދިރުވާލީ، ހާސްކަމުގެ ތެރެއިން ހެޔޮ ވިސްނުމެއް ލިބޭތޯ އެވެ. ނަމަވެސް ސިކުންތަކަށްވެސް އަހަރެންގެ ހިޔާލާއި ފިކުރުގެ ތެރެއިން އީތަން ދުރަކަށް ނުލެވުނެވެ.
"ފަހަރެއްގައި ވެދާނެ، ތިއީ ކޮންމެވެސް ނަސީބުވެރިއެއްގެ ޕްރިންސެސްއަކަށް..! އެކަމަކު އަހަންނަކީ ތިފަދަ އަންހެންކުއްޖެއްގެ ޕްރިންސް ޗާމިންއަކަށް ދުވަހަކުވެސް ވެވޭނެ މީހެއް ނޫން..! އަހަންނަކީ އުފާތައް ވީރާނާކޮށްލާ ރަހުމުކުޑަ 'މޮންސްޓަރ'އެއް..!"
ވާނުވާވެސް އަންގާނުލައި ރިދީގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލާނެ އަނދިރިކަމެއް މިއީ... ހަނދާންކުރާތި، ރިދީގެ ދިރިއުޅުން އަހަރެންގެ ދެއަތުން ބަރުބާދުކޮށްލާނަން.."
ބިރުވެރިކަމާއެކު އަހަރެންގެ ކަންފަތުގައި އީތަންގެ ޖުމުލަތައް ގުގުމާލި އެވެ. ކިތަންމެ ހިތްވަރެއް ދުނިޔެއއަށް ދައްކާން މަސައްކަތްކުރިއަސް، އަހަރެންގެ އިހްސާސްތައް ބިރުވެރިކަމުން މިންޖެއް ނުކުރެވުނެވެ. ބާރަށް ހިތް ތެޅިގަތެވެ. އަހަރެންގެ ހަތަރެސްފައި ތުރުތުރު އަޅާކަން އެނގުނީ ފޯނު ރިންގުގެ އަޑަށް ސިއްސައިގެން ދިއުމުންނެވެ. ސްކްރީނަށް ބަލައިލެވުމާއެކު ތެޅިގަނެވުނެވެ.
"ކާމިލް"
ތުރުތުރުއަޅަމުން ފޯނަށް ޖަވާބުދިނީމެވެ.
"ހެލޯ..!" އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. އެއީ އިކާންގެ އަޑެވެ. އެކަމަކު އަހަންނަށް ގުޅީ ކާމިލް އެވެ. ޔަގީންކޮށްލުމަށް އަނެއްކާވެސް ސްކްރީނަށް ބަލައިލީމެވެ. (ނުނިމޭ)