ads
ސިއްރު - 27 ވަނަ ބައި
އެޕިސޯޑް 27
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

އީތަންއާއި ދުރަށް އަހަރެންގެ ނަޒަރު އަނބުރާނުލެވުނެވެ. ޒާޔާގެނެސް ގައިގައި ތަތްކޮށްލާފައި އިންއިރުވެސް އީތަންގެ ދެލޯ ތަތްކޮށްފައިވަނީ އަހަރެންގެ އަތުގައި ހިފަހައްޓާލައިގެން އިން އިކާންގެ އަތަށެވެ. އެހެން އެއްވެސް އެއްޗެއް ނުވަތަ މީހަކު އީތަންގެ ރާޑަރުގައި މިވަގުތު ނެތެވެ. 

ވަށައިގެމް ތިބި  އެއްވެސް މީހެއްގެ ހަރަކާތަކަށް އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. ކުރިމަތީގައި ހުރި 'ގޮތްނޭގޭ އިންސާނާގެ' ހަރަކާތްތައް އަހަރެންގެ ސިކުނޑީގެ ފްރޭމްގައި ރައްކާކުރުން މާބޮޑަށް މުހިއްމެވެ. ފެންނަފެނުމަށް އީތަން އެހުރީ ވަރަށް ބޮޑަށް ހިތުގައި ޖެހިފަ އެވެ. އަހަރެންނާއި އިކާންގެ އެ 'ހަރަކާތުން' އީތަންއަށް ތަފާތު އިހްސާސެއް ކުރުވައިފިކަން ސާފުކޮށް ފެނެ އެވެ. އަޖައިބެކެވެ. އަހަރެންގެ ހިތުގައި ޖައްސަނީވެސް އީތަން އެވެ. އަހަރެންނަކީ އެއްވެސް މީހަކަށް ނުހަދައި ހިތުހުރިގޮތަކަށް އަހަރެންނާއި މެދުގައި ކަންކުރަނީވެސް އީތަން އެވެ. އެކަމަކު އީތަންގެ ނަޒަރުގައި 'ކުށްވެރިޔަކީ' އަހަރެންނެވެ. އަހަރެންގެ ހަށިގަނޑުގައި ދައުރުވަމުންދިޔަ ލޭގެ ހާލަތެއް އެހެންމީހަކަށް ނޭގޭނެ އެވެ. 

އިކާންގެ އަތުގައި އިހުނަށްވުރެން ބާރަށް އަހަރެން ހިފަހަށްޓާލީމެވެ. ހަމައެހިނދުގައި އީތަންގެ ނަޒަރު އެހެންދިމާއަކަށް އަނބުރާލި އެވެ. އަދި ޒާޔާގެ ގައިގައި ބައްދާލާފައި ދެއްކުންތެރި އަމަލަކުން އެހެންމީހުންގެ ލޯތަށް މަރައިލާން މަޖުބޫރުކުރި އެވެ. މޮޔައެއް ފަދައިން ޒާޔާ ހިނިއައިސްފައިހުރީ އެތަނުގައި އެވަގުތު ދައުރުވަމުންދިޔަ ހޫނުގަނޑުގެ ހަބަރެއް އޭނާއަށް ކުޑައިކޮށްވެސް ރެއަކާނުލާ ފަދައިންނެވެ. 

މަޖުބޫރުންވެސް އެހެންދިމާއަކަށް ބަލައިލެވުނީ އަހަންނަށެވެ. އީތަންގެ އެފަދަ ދަށުދަރަޖައިގެ އަމަލުތައް ދުށުމުގެ ގާބިލުކަމެއް އަހަރެންގެ ދެލޮލުގައި ނެތެވެ. އަދި ލަދުވެތި އެ ކަންކަން ތަހަންމަލްކުރުމުގެ ކުޅަދާނަކަމެއް އަހަރެންގެ ހިތުގައިވެސް ނެތެވެ. 

ތަނުގެ މާހައުލު ބަދަލުވެއްޖެ އެވެ. އެކުވެރިކަމާއި ހިނިތުންވުން ފިލައިގޮސް، އެންމެންގެ މޫނުމަތީން ފެންނަމުންދިޔައީ ނަފްރަތާއި އުދާސްކަމެވެ. ވާހަކަދައްކަން ނުވަތަ އަނގައިން ބުނެލާން އިސްނަގާނެ މީހަކު ނެތެވެ. 

ކުށްލިޔަކަށް އަހަރެންގެ އެސްފިޔަތައް ބަރުވެ، ބޮލުގައި ގަދަވޭނަކުން ރިހެންފަށައިފި އެވެ. ކަޅުކުލަ ނޫން އެހެން އެއްވެސް އެއްޗެއް ސިފައެއް ނުވި އެވެ. ނިއްކުރިއާއި ބޮލުގައި ބާރަށް ހިފެހެއްޓުނީ ގަސްތަކު ނޫނެވެ. ވާނުވާއެއް ނޭގުނެވެ. ހަށިގަނޑު ކޮންޓްރޯލްކުރާނެ ބާރެއް އަހަރެންގެ ނަފުސުގައި ނެތެވެ. 

"ބޭބީ..!؟" އިކާން ބާރަށް ހަޅޭއްލަވައިގަތް އަޑު އަހަރެން އެހީމެވެ. 

ވެއްޓުނަނުދީ ކޮންޓްރޯލްކުރެވޭތޯ ކޮންމެވެސް މީހަކުގައިގައި ހިފެހެއްޓީމެވެ. ޔަގީން ނުވިޔަސް، އެއީ އިކާން ނޫން އެހެން މީހަކަށް ނުވާނެކަން ކަށަވަރެވެ. އެންމެ ގާތުގައި އިނީ އިކާންކަމަށްވާތީ އެވެ. 

"ރިދީ..!؟" ހުވަފެނެއް ފަދައިން، ކަޅުކަމުގެ ތެރެއިން އީތަންގެ އަޑުވެސް ފާހަގަވި އެވެ. 

ނުހަނު ހާސްކަމާއެކު އަހަރެންގެ ނަމުން އީތަން ގޮވާލި އެވެ. އެހުރިތަނަކުން ފުންމައިގެން އައިސް އަހަރެންގެ އަތުގައި ހިފައި ދަމައިގަތްކަން އިހްސާސްވި އެވެ. އެއީ އީތަންކަން، ޔަގީނެވެ. ކަޅުކަން ނޫނީ އަހަރެން ނުދެކެމެވެ. ވަށައިގެން ހިނގާ ކަންކަން އިހްސާސްވެ އެވެ. ލިބުނު ކުއްލި ބާރެއްގައި އީތަންގެ އަތުތެރެއިން އަހަރެންގެ އަތް ދަމައިގަތީމެވެ. އަހަރެން އީތަން ބޭނުމެއް ނޫނެވެ. އޭނާގެ 'ފޭކް ކެއަރ'އެއްވެސް ބޭނުމެއް ނޫނެވެ. ފުދިއްޖެ އެވެ. އީތަންގެ ހަމްދަރުދީވެސް ބޭނުމެއް ނޫނެވެ. އޭނާގެ އެ އަނިޔާވެރި 'އޯގާތެރި'ކަމެއްވެސް އަހަރެން ބޭނުމެއް ނޫނެވެ.

ހަމަކުއްލިޔަކަށް އެ އަނދިރިކަން ފަނޑުވެ، މަންޒަރު ފުސްވެއްޖެ އެވެ. ސާފުކޮށް ނުފެނުނަސް ހަރަކާތްތައް ސާފުވާވަރަށް ފެންނާން ވަގުތުކޮޅެއް ނެގި އެވެ. 

"ޔޫ އަރ، އޯކޭ..؟" އީތަންގެ އަޑުގައި އިންތިހާއަށް ހާސްކަން އެކުލެވިފައިވެ އެވެ. 

އޮޅުމަކުންވެސް އޭނާއާއި ދިމާއަށް ބަލައިލެވިދާނެތީ އަހަރެން އިކާންއާއި ދިމާއަށް އެނބުރުނީމެވެ. 

"ޔޫ އަރ، ފައިން ބޭބީ..؟" އަހަރެންގެ މޫނުމައްޗަށް ހުރަސް އެޅެމުންދިޔަ އިސްތަށިތައް އެއްފަރާތްކޮށްލަމުން ނުހަނު އޯގާތެރިކަމާއެކު އިކާން ސުވާލުކޮށްލި އެވެ. 

ބަލިގޮތަކަށް ހިނިތުންވީމެވެ. އާއެކޭ ބުނުމުގެ ގޮތުން އެސްފިޔަތަކުން ހަރަކާތްކޮށްލީމެވެ. 

"ޝީ އިޒް ނޮޓް އަ ބޭބީ..! އޭނާއަށް ކިޔާ ނަމެއް އޮވޭ..! އެނަމުން ކިޔާ..!" ހަރުކަށިކަމާއެކު އިކާންއާއި ދިމާއަށް އީތަން ބުނެލީ ދަތްކުނޑިވިކާލާފަ އެވެ. 

އީތަންގެ މޫނަށް ޒާޔާ ބަލައިލީ އަޖައިބުވެ އަންތަރީސްވެފަ އެވެ. ކާމިލްގެ މޫނަށް ބަލައިލާން މަޖުބޫރުވީ މަލާމާތުގެ ގޮތަކަށް، އެއްމިޔަކަނުން އޭނާ ހިނިއައިސްފައި ހުރިގޮތުންނެވެ. 

"އިކާން، މިތާތިބި އެންމެނަށް އަޑުއިވޭވަރަށް ބުނެލަދީބަލަ.. އަހަރެންނަށް ... ބޭބީ ކިޔުމުގެ.. ފުރިހަމަ އިހްތިޔާރާއި.. ބާރު.. ހަމައެކަނި އޮތީ އިކާންއަށޭ..!" އުނދަގުލުންވިޔަސް އަހަރެންގެ ޖުމުލަ ބުނެލީ، އީތަންގެ މޫނަށް ބަލަމުންނެވެ. 

ކާމިޔާބުގެ ހިނިތުންވުމަކާއެކު އީތަންގެ މޫނަށް ބަލައިލާފައި އިކާން މަލާމާތުގެ ހިނިތުންވުމަކުން ތަނުގެ މާހައުލު ބަދަލުކޮށްލި އެވެ.  

"ރިދީ..، ވީ ނީޑް ޓު ޓޯކް..!" ހަރުކަށިކަމާއެކު މޮންސްޓަރ މޯޑްގައި އީތަން ބުނެލީ ރުޅިއައިސް ރަތްވެފަ އެވެ.

އާދައިގެ ވަގުތެއްނަމަ، އެބުނެލުމުން އަހަރެން ބިރުގަތީހެވެ. އެކަމަކު މިއަދު އެކަމަށް ފުރުސަތެއް ނެތެވެ. މިވަގުތުގެ ކޮންޓްރޯލް އީތަންއަށް ލިބުނަކަ ނުދޭނަމެވެ. 

"އިކާން، މިތަނުގައި ހުރި އައިފުލް ޓަވަރުކައިރީގައި ބުނެދީބަލަ މިވަގުތު އެއްވެސް ވާހަކައެއް ދައްކާކަށް އއަހަރެން ބޭނުމެއް ނޫނޭ.. ޕްލީޒް!" ސީދާ އީތަންގެ މޫނަށް ބަލަމުން އަހަރެން ބުނެލީމެވެ. ރޯވަމުންދިޔަ ހުޅުގަނޑަށް ޕެޓްރޯލް އެޅެނީކަން އަހަންނަށް އޮޅީފައެއް ނެތެވެ. 

އަހަރެންގެ އެ ބުނުން ގަބޫލުކުރާން އީތަންއަށް ފަސޭހައެއް ނުވި އެވެ. ދެފަރާތަކަށް ބޯ ހޫރުވާލަފައި ދެކޮލުގައި ދުލުން ހަނގުރާމަކޮށްލި މަންޒަރު ނުހަނު 'ހިތްގައިމެވެ' މިފަދަ ގޮތަކަށް ހަގީގީ އީތަން ދެކިލުމުގެ ނަސީބު މަދުން ނޫނީ ނުލިބޭނެ އެވެ. 

"ރިދީ..، ޔޫ ކާންޓް ބީ ސީރިއަސް..؟ ކަމް، ޓޯކް ޓު މީ..!" ހަރުކަށިކަމާއެކު އީތަން ބުނެލީ އޭނާގެ ގައިން ޒާޔޔާގެ އަތް ނައްޓުވާލާފައި އެތަނުން ދުރަށް ދިއުމަށް ފިޔަވަޅު އަޅަމުންނެވެ.

"ތިއީ މިހާރު އަހަރެންގެ ބޮސް އެއްނޫން..! އަމުރުކުރުމުގެ ހައްގެއް މިހާރަކު ނޯންނާނެ..!" ލޯ އަޅާލާފާއި އީތތަންއަށް ސީދާ ބަލައިލާފައި އަހަރެން ބުނެލީ ޖެހިލުންކުޑަ ގޮތަކަށެވެ. 

"އަހަރެން މިދަނީ އަހަރެންގެ ކޮޓަރިއަށް..!" އިކާންއާއި ދުރަށްޖެހިލަމުން އަހަރެން ބުނީމެވެ. 

"ކޮޓަރިއަށް ދިއުމަށް އަހަރެން އެހީވެދޭނަން.." އެންމެންގެ ތެރެއިން އަހަރެންނާއި ދިމާއަށް މިސްރާބުޖަހާފައި އީތަން ބުނެލި އެވެ. 

"ވަރަށް ބޮޑަށް އެހީތެރިވެދެއްވައިފި.. އިތުރު އެހީތެރިކަމެއް އަޅުގަނޑު ބޭނުމެއް ނޫން.. ސަރ!" މަލާމާތުގެ ހިނިތުންވުމަކާއެކު އީތަންގެ އިހްތިރާމް ދަށްކޮށްލުމަށް ގަސްދުގައި އަހަރެން ބުނެލީމެވެ. އަހަރެން އަރި އަޅައިލީ އެވަގުތު އެވެ.

"އޯހް.. ހޯ... ވައިލްޑް ކެޓް..! މަޑުކުރޭ މަޑުކުރޭ.. ބުރަކިޖައްސާލާ..!" ކުށްލިޔަކަށް ފުންމައިގެން އައިސް ކާމިލްގެ ދެއަތްމަތީގައި އަހަރެން އުފުލާލާފައި ނިއްކުރީގައި ބޮސްދިނެވެ. އެންމެންގެ ތެރެއިން އަހަރެން ކޮޓަރިއަށް ގެނެސްދިނީ ކާމިލް އެވެ. 

ފަރުވާތެރިކަމާއެކު މަޑުމަޑުން އެނދުގައި އަހަރެން ބާއްވާލުމަށްފަހު ގައިމަތީން ބްލޭންކެޓް އަޅައިދިނެވެ. ބބަލިގޮތަކަށް 'ތެންކިޔު' ބުނެލަމުން އަހަރެން ހިނިތުންވީމެވެ. 

ހަމައެވަގުތު އިކާންވެސް އައިސް ކޮޓަރިއަށްވަނެވެ. އަދި މަޑުމަޑުން އަހަރެންގެ މަގަތުގައި އެނދުގައި އިށީނެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ބަލައިލާފައި ލުއި ހިނިތުންވުމެއް ބަދަލުކޮށްލީމެވެ. ވާހަކަދައްކަން ނުވަތަ އަނގައިންބުނާން އިސްނަގާނނެ މީހަކު ނެތެވެ. 

"އައެމް ސޮރީ އެބައުޓް އީތަން..!" މަޑުމަޑުން އަހަރެން ބުނީމެވެ. 

"ހެއި.. މައާފަށް އެދެންޖެހޭ މީހައީ އެއީ.. ރިދީ ނުޖެހޭނެ މައާފަށް އެދޭކަށް.." އިށީންދެ އިން ތަނުން ތެދުވަމުން އިކާން ބުންޏެވެ.

"ރެސްޓްކޮށްލާ... ބޭރުގައި މަޑުކޮށްލާނަން.." ހިނިތުންވަމުން އިކާން ބުންޏެވެ. 

ބޮލުގެ އިޝާރާތުން ޖަވާބުދެމުން އަހަރެން ހިނިތުންވެލީމެވެ. 

"ނޫން އިކާން... މިހާރުވެސް އަހަންނަޓަކައި އިކާންގެ އެތައް ވަގުތެއް ހޭދަކޮށްފި...! އަހަރެން އެހީތެރިކަމަކަށް ބޭނުންވާ ކޮންމެ ވަގުތަކު އެންމެ ގާތުގައި ހުރެދެނީ އިކާން.. މިވަގުތު ގެއަށް ގޮސްފައި އަރާމްކޮށްލާ.. ! އަހަރެންގެ އަނދިރި މި ހަޔާތަށް އިކާން އައީ އުއްމިދީ ހުޅުކޮޅެއްގެ ގޮތުގައި.. އެކަމަށް ހިތުގެ އެންމެ އަޑިން ޝުކުރުވެރިވަން..! ތިހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި.. ގެއަށްގޮސް އަރާމްކޮށްލާ..!" ޝުކުރުވެރިކަމާއެކު އަހަރެން ބުނީމެވެ.

ހިނިތުންވަމުން އަހަރެންގެ ނިއްކުރީގައި އިކާން ބޮސްދިނެވެ. ހަމައެސިކުންތުގައި އަހަރެންގެ ކޮޓަރީގެ ދޮރު،  ވިއްސައިގެން ދާވަރަށް ހުޅުވުނެވެ. އެދިމާއަށް ބަލައިލެވުނީ ދެމީހުނަށް އެކުގަ އެވެ. ރުޅިއައިސް ރަތްވެފައިވާ ސިންގާއެއް ފަދައިން، ދޮރުމަތީގައި ހުރީ 'ދި ގްރެއިޓް އީތަން މުހައްމަދު މަނިކް، ދި މޮންސްޓަރ' އެވެ.

"ލީވް..!" އަޑުގެ ނެތްތަނަށް އީތަން ހަޅޭއްލަވައިގަތެވެ. 

"އެ ން ޑް ވަ ޓް އި ފް އައި ޑޯންޓް..؟" އީތަންގެ ހަޅޭކުގެ ކުޑަވެސް އަސަރެއް ނުކުރިކަން ދައްކާލުމަށް އީތަން ބުނެލި އެވެ.

އަދި 'މަށަށް ކޮންކަމެއްހޭ' ބުނެލާފަދަ ބެލުމަކުން އީތަންއާއި ދިމާއަށް ބަލައިލީ، އަހަރެންގެ އަތް ގެނެސް އިކާންގެ އަތުގެތެރޭގައި ބޮނޑިކޮށްލަމުންނެވެ. 

އިކާންއާއި އީތަންއަކީ ކުޑައިރުއްސުރެން ވަރަށް ގާތް ދެ އެކުވެރިންނެވެ. ދެމީހުން މަތީތައުލީމް ހާސިލްކުރީ އެއްކޮލެޖަކުންނެވެ. އަހަރެންގެ ސަބަބުން މި ދެ އެކުވެރިންގެ މެދުގައި ލެވިފައިމިވާ ހުރަހަށްޓަކައި އަހަރެން ހިތާމަކުރަމެވެ. އެކަމަކު ހަގީގަތަކީ  އެ ދެ މީހުން ހަނގުރާމަ އެކުރަނީ އަހަރެންގެ ސަބަބަކުން ނޫނެވެ. ދެމީހުން ދޭތެރޭގައި މައްސަލައަކީވެސް އަހަންނެއް ނޫނެވެ. ހުރިހާވެސް މައްސަލައަކީ ނުވަތަ މި ދެމެދުގެ ސަބަބަކީ 'އީތަންގެ އެޓިޓިއުޑް' އެވެ. 

"ބޭކާރު މީހުން މިތަނުން ފޮނުވާލާނެ ގޮތް ވަރަށް ރަގަޅަށް އަހަންނަށް އިނގޭ.." އެއްމިޔަކަނުން ހިނިއައިސްފައި އީތަން ބުނެލީ އިކާންއަށް މަލާމާތެއްގެ ގޮތުގަ އެވެ.

"ޓްރައި މީ!" ޗެލެންޖް ކޮށްފައި އިކާން ބުނެލީ، އީތަންއަށް އިންޒާރެއްގެ ގޮތުގަ އެވެ. 

މިވަގުތު އަހަރެން މިދޭތެރޭއަށް ނުވަދެއްޖިއްޔާ ކަންކަން ގޯހުންގޯހަށްދާނެކަން ޔަގީނެވެ!

"އިކާން..!" ނުހަނު އޯގާތެރިކަމާއެކު އަހަރެން ގޮވާލީމެވެ. ދެމީހުންގެ ނަޒަރު ކުއްލިޔަކަށް ހުއްޓުނީ އަހަންނަށެވެ. އިކާންއަށް އަހަރެންގެ ހިނިތުންވުން ރައްދުކޮށްލީމެވެ. 

"މިވަގުތު ގެއަށްގޮސް އަރާމްކޮށްލާ.. އަހަރެން ފަހުން ގުޅާލާނަން..! އޭނާ ބަހައްޓާ!" ޝައުގުވެރިކަމެއް ނެތް ގޮތަކަށް، ފަހު އިބާރާތް ބުނެލީމެވެ. 

"އޭޒް ޔޫ ވިޝް، ބޭބީ..!" ދެވަނަ ފަހަރަށް އަހަރެންގެ ނިއްކުރީގައި ބޮސްދެމުން އިކާން ބުނެލީ ލޯތްބާއެކު އެވެ. 

"އަހަރުމެން ދެމީހުންގެ ދެމެދު ދުރުމިނަކީ ފޯންކޯލެއްގެ މިންވަރު.." ކޮންމެ ވަގުތަކު އަހަރެން އިޝާރާތްކޮށްލިޔަސް އަންނާނެކަމުގެ ޔަގީންކަން އިކާން ދިނެވެ. އަދި އެތަނުން ނިކުތުމަށްޓަކައި ތެދުވި އެވެ. 

އިކާންއަށް ކޮޓަރީން ނުނިކުމެވެނީސް، އޭނާގެ ކުރިމައްޗަށް އީތަން އެރި އެވެ. އަދި ކާމިޔާބުގެ ހިންޏަކުން އިކާންއަށް މަލާމާތްކޮށްލި އެވެ. އަހަރެންގެ ތިރީތުންފަތުގައި ދަތް އެޅުނީ، އީތަންގެ މަގުސަދު އަންދާޒާކުރާންވެސް ސިކުނޑި ނުކުޅެދިފައިވާތީ އެވެ.

"ކަލޭގެ ހަތަރެސްފަޔާއި ހަރަކާތްތައް މައިތިރިކުރޭ..! އެހެން ނޫނީ..!" ޝަހާދަތް އިނގިލި އުފުލާލާފައި އިކާން، އިންޒާރުދިނެވެ.

"އެހެން ނޫނީ ކިހިނެއް ހަދާނީ..؟ ކަލޭގެ ބޭބީ ރޯންފަށާނީ..؟" މަލާމާތުގެ ބުނެލުމަކުން އިކާންގެ އިހްތިރާމް ކުޑަކުރުމަށް އީތަން ގަސްދުގައި ރައްދުދިނެވެ.

މިހައި ހަރުކަށިކަމާއި އިހްތިރާމްކުޑަކޮށް އިކާންއާއި، އީތަން ޖައްސާލައިގެން މިއުޅޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ މިހައި ހުތުރުކޮށް މުހާތަބްކުރަންޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟

އީތަންގެ ސިކުނޑީގައި މައްސަލައެއް އުޅެނީބާ އެވެ؟ މިއީ 'ސްޕްލިޓް ޕަރސަނާލިޓީ'ގެ ޝިކާރައެއްބާ އެވެ؟ 

މަލާމާތުގެ ހިންޏަކުން އިކާންގެ ގަދަރު ކުޑަކޮށްލާފައި އަހަންނާއި ދިމާއަށް އީތަން އެނބުރެވެ. ހަމަ އެސިކުނންތުގައި އެހެންދިމާއަކަށް އަހަރެންގެ މިސްރާބު ބަދަލުކޮށްލީމެވެ. އޭނާގެ އެ ބެލުން ތަހަންމަލްކުރާނެ ހިތްވަރެއް މިވަގުތު އަހަރެންގެ ނެތެވެ.

"އޯވވވވ.... ބޭބީ ރުޅިއައީތަ..؟" އިކާންއަށް މަލާމާތްކުރުމުގެ ގޮތުން އީތަން ބުނެލި ބުނެލުން އަހަރެންގެ ޓެމްޕަރޭޗަރ މަތިކޮށްލި އެވެ. މިއީ ކިހިނެއްވެފައި ހުންނަ އިންސާނެއް ހެއްޔެވެ؟ އަހަރެންގެ ދެލޮލުގެ ކަޅި އަނބުރާލާފައި ނުރުންހުންވާކަން ދައްކާލީމެވެ. އަދި ތުންއަނބުރާލާފައި އެހެން ދިމާއަކަށް ނަޒަރު ހުއްޓާލީމެވެ.

"ޑޯންޓް ކޯލް މީ ދެޓް..!!" އަހަރެން އީތަންއަށް އިންޒާރުދިނީމެވެ.

"ވައި..؟ ބޭބީ، ކިއުމުގެ ކޮޕީރައިޓްސް އޮންނަނީ ހަމައެކަނި އިކާންއަށްތަ..؟" ރުޅިއައިސް ރަތްވެގެން އަހަންނާއި ދިމާއަށް އީތަން އައެވެ.

"ރިދީ..، ތިގޮތަށް އަހަރެން އިގްނޯރއެއް ނުކުރެވޭނެ..! ހަމަމިހާރު އަހަންނާއި ދިމާއަށް އެނބުރޭ..! އަހަންނާއި ވާހަކަ ނުދައްކާ ތިހެން ރުޅިވެރި މޫނެއް ނުދެއްކޭނެ..!" 

އަހަރެންގެ އެނދާއި ދާދި ގާތަށް އައިސްފައި އީތަން ބުނެލީ ގޮތްހުސްވެފައިވާ މީހަކުފަދައިންނެވެ. އެވަރު ރުޅިއެއް އީތަން އަންނަންޖެހުނީ ކީއްވެ ހެއްޔެވެ؟ އަހަންނަކީ އީތަންއަށް ކާކު ހެއްޔެވެ؟ 

އެނދާއި ގާތަށް އީތަން އަޅަމުންދިޔަ ކޮންމެ ފިޔަވަޅެއް އަހަރެންގެ ހިތުގެ ތެޅުން އަވަސްކުރުވި އެވެ. ކުރިމަތީގައި ހުރީ 'އަހަރެންގެ އީތަންއެއް' ނޫނެވެ. މިއީ 'މޮންސްޓަރ' އެވެ. މިއީ ޖެހިލުންވުމެއް ނުވާ، ރަހުމުކުޑަ، ރުޅިއައިސް ރަތްވެފައިވާ ހަގީގީ މޮންސްޓަރއެކެވެ.

އަހަރެންގެ މޫނާއި ދިމާއަށް 'މޮންސްޓަރ' ތިރިވެލީ ދެ ލޮލުން އަލިފާންކަނިބުރާ ހާލަތުގަ އެވެ. ގައިން ހީބިހި ނެގި އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް