
މުސާރަތައް ކުޑަކުރުމަކީ ސަރުކާރުގެ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދެ އަހަރުގެ މުއްދަތަށް އަޅަން ނިންމާފައިވާ ފިޔަވަޅެކެވެ. އަދި މިއީ މި އަހަރަށް ފާސްކުރާ ބަޖެޓާ އެކީ ގެންނާނެ ބަދަލުތަކެއް ކަމަށް ރައީސް އިއުލާންކުރެއްވި ފިޔަވަޅެއް ވެސް މެ އެވެ.
މުސާރަތައް ކުޑަކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ރުހުން ހޯދަން ހުށަހެޅީ ތިން ގޮތެކެވެ. އެއީ މަޖިލީހުގެ މެންބަރުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމާއި ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި އަސާސީ މުސާރައިގެ ގޮތުގައި 12000ރ. އަށް ވުރެ މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިގެ 10 ޕަސެންޓު އުނިކުރުމެވެ.
ނަމަވެސް، އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމާފައިވަނީ، މި އިދާރާތަކުގެ މުސާރަ ކުޑަކުރެވެން އޮތީ ގުޅުން ހުރި ގާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށެވެ.
އެއް ގިންތިއެއްގެ މަގާމުތަކުގެ މުސާރަ އެއް ހަމަކުރުމަކީ ކޮމިޓީގެ ޒިންމާއެއް ކަމަށް ވާއިރު، ގާނޫނަށް ބަދަލު ނުގެނެސް މުސާރަ ކުޑަކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އެ ކޮމިޓީން ނިންމި އެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޝަރުއީ ދާއިރާގެ އިސްވެރިންނާއި މިނިވަން މުސްތަގިއްލު މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ އެހެން މަގާމުތަކުގެ އަސާސީ މުސާރައިން 10 ޕަސެންޓް އުނިކުރަން މިވަގުތު ނުފެންނަ ކަމަށާއި އަދި ގުޅުންހުރި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެވުމުން އަލުން މި މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ކޮމިޓީން ނިންމި އެވެ.
ރައީސް އަށް ލަފާއެރުވުމަށް ކޮމިޓީން ނިންމި އެހެން ކަންކަމުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައިގެން ހަރަދުތައް ބޮޑުތަނުން ކުޑަކުރެވޭނެކަމަށް ކޮމިޓީއަށް ފެންނާތީ މީގެ އިތުރުންވެސް އެއްކޮށްލެވެން ހުރި މުއްސަސާތައް ދެނެގަނެ އެއްކޮށްލެވިއްޖެނަމަ ހަރަދު ކުޑަކުރެވޭނެކަމަށް ފެންނަކަމަށް ރައީސަށް ލަފާ އެރުވުން ހިމެނެ އެވެ.
މީގެ އިތުރުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމާއެކު އާމްދަނީ އިތުރުކުރުމަށް ރާވާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް، އާމްދަނީގެ ކޮމްޕްލައަންސް އިތުރަށް ރަނގަޅުކޮށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ތަންފީޒްކުރުމަށް ރައީސް އަށް ލަފާއެރުވުމަށްވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.
ކޮމިޓީން ނިންމި ގޮތަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުން މެންބަރުންގެ މުސާރަ އަދި ޝަރުއީ ދާއިރާ އަދި މުއައްސާތަކުގެ މުސާރަތައް މިވަގުތު ކުޑަކުރަން ނުފެންނަ ކަަމަށް ފާސްކުރިއިރު، ރާއްޖޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވާކަން ފާހަގަކޮށް ވީހާ ވެސް އަވަހަށް ނިޒާމީ ބަދަލުތައް ގެންނަންޖެހޭކަން އައިއެމްއެފުން ވަނީ ގޮވާލާފަ އެވެ.