
އިހްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދީ އިދިކޮޅު އެމްޑީޕީންނެވެ.
އެމްޑީޕީން ހުސައެޅި މައްސަލާގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ކޮށްގެން ނުވާނެ ކަންތައްތަކެއް އިހްސާން ކުރައްވާފައިވާކަމަށާއި ގާނޫނުތަކާ މިނިސްޓަރު ހިލާފުވެފައިވާކަމަށެވެ.
މިނިސްޓަރު އިހުސާންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ޑީއެންއާރު ޑޭޓާ ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމާއި، ބެސްޓިނެޓް މައްސަލައިގައި އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހޭ އެއްބަސްވުމެއްގައި ސޮއިކުރުން ހިމެނެއެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެވެއެވެ.
އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް އެއް ގަޑިއިރުގެ ވަގުތު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމާފައެވެ.
އެމްޑީޕީގެ 12 މެންބަރުން ހުށަހެޅި މި މައްސަލައިގައި ޖުމުލަ ދެ ގަޑިއިރުގެ ވަގުތު ކަނޑައެޅިފައިވާއިރު، އޭގެ ތެރެއިން އެއް ގަޑިއިރު ދޭން ނިންމީ މިނިސްޓަރު އިހުސާންގެ ޖަވާބުދާރީވުމަށެވެ. އަނެއް ގަޑިއިރު ހަމަޖެހިފައިވަނީ މެންބަރުންގެ ސުވާލުތަކާއި ބަހުސަށެވެ.