
މިއީ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވަމުންނެވެ.
ހޯމް މިނިސްޓަރު ހާމަކުރެއްވި ލިޔެކިޔުންތަކުން އެނގުނު ގޮތުގައި، 2016 ވަނަ އަހަރުގެ އޮކްޓޯބަރު 31 ވަނަ ދުވަހު ބެސްޓިނެޓް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން 15 އަހަރަށް މިޕްސް ނަމުގައި އެކްސްޕެޓް ސިސްޓަމެއް ތަރައްގީކުރުމަށް އެއްބަސްވެފައިވެއެވެ.
ބެސްޓިނެޓުން 2024 ވަނަ އަހަރުގެ ޖެނުވަރީ 18 ވަނަ ދުވަހު ހޯމް މިނިސްޓްރީއަށް ފޮނުވި "ލާސްޓް އެންޑް ފައިނަލް ނޯޓިސް" ގައި އެ ކުންފުންޏަށް 13.7 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ސަރުކާރުން ދައްކަންޖެހޭ ކަމަށް ބަޔާންކޮށްފައިވާކަން ހޯމް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ކުރީ ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ، އެކަން ތަހުގީގުކުރުމަށް އޭސީސީއަށް ހުށަހަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއީ ދައުލަތަށް 500 އެތައް މިލިއަން ރުފިޔާގެ ފައިދާ ލިބޭނެ މައްސަލައެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.