
ފަލާހު މިހެން ވިދާޅުވީ މަޖިލީހުގައި މިއަދު ނެގުނު ވޯޓުގައި 10 މެންބަރުން ބައިވެރިނުވުމާ ގުޅިގެން މެންބަރުންގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ. އޭގެ ކުރިން ޕާޓީގެ ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ ވިޕްލައިނާ ހިލާފުވުމަކީ އެއްވެސް މެންބަރަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގައި އިއްޔެ ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ގިނަ މެންބަރުން ވަނީ ބިލާ ދެކޮޅަށް ވާހަކަދައްކާފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ނިންމީ ސަރުކާރުން އަންގާ ގޮތަކަށް މެންބަރުން އަމަލުކުރުމަށެވެ. އެއާ ގުޅިގެން ރޭގެ ވަގުތެއްގައި މި ބިލަށް ތާއީދުކުރަން ޕާޓީގެ ލީޑަރޝިޕުން ނިންމައި، ތްރީލައިން ވިޕެއް ނެރުނެވެ.
ވިޕާ ހިލާފުވި މެންބަރުންގެ ތެރޭގައި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް، އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު، އަދި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ހިމެނެއެވެ. މީގެ އިތުރުން ކެނދިކުޅުދޫ، ކުޑަހުވަދޫ، ގަމު، ތިނަދޫ އުތުރު، ފަރެސްމާތޮޑާ، ފުވައްމުލަކު ދެކުނު އަދި ހިތަދޫ މެދު ދާއިރާގެ މެންބަރުން ވެސް ވޯޓުގައި ބައިވެރިނުވިއެވެ.