މި ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދިނުމަށް އެ ޕާޓީގެ ޕީޖީން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް ދެ މެންބަރަކު ވަނީ ވިޕާ ހިލާފުވެފަ އެވެ. އެއީ:
މާލޭގައި ނެތުމުގެ ސަބަބުން މި ވޯޓުގައި ޕީއެންސީގެ ހަތް މެމްބަރަކަށް ބައިވެރިވެ ވަޑައިނުގަނެވުނެވެ. އެއީ:
އެނގިފައިވާ ގޮތުގައި އަޒާން ވޯޓުގައި ބައިވެރިވެ ވަޑައިނުގަތް ނަމަވެސް ހުންނެވީ މާލޭގަ އެވެ. އޭނާއަކީ އެ ބިލާ ދެކޮޅަށް ޕީއެންސީގެ ޕީޖީ ގްރޫޕުތަކުގައި ވެސް ވާހަކަ ދެއްކެވި ބޭފުޅެކެވެ.
މިކަމާ ގުޅިގެން އަޒާނުގެ ބަހެއް ހޯދުމަށް "ސީއެންއެމް" ގުޅުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ނުލިބެ އެވެ.
އޭނާގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވެސް މި ވޯޓުގައި ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ. އެކަމަކު އޭނާ ގްރޫޕުން ބޭރު ނުކުރާ ކަމަށްވެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕީޖީ ލީޑަރު ފަލާހު ވަނީ ޕާޓީގެ ވިޕާ ހިލާފުވި ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.
ބިލް ބަލައިގަތުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން މިމައްސަލަ ދިރާސާކުރުމަށް ފޮނުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށެވެ. އެ ކޮމިޓީން އެ ބިލު މިއަދު ހަވީރު ފާސްކޮށްފައިވާއިރު، މަޖިލީހުގެ ތަޅުމުން މި ބިލު މާދަމާ ފާސްކުރާނެ ކަމަށް ބެލެވެ އެވެ.
މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލު ޖުޑީޝަރީ ކޮމިޓީގައި ދިރާސާކުރުމަށް ފަހު ކޮމިޓީން ބިލު ފާސްކުރިއިރު ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވެސް ކޮމިޓީގައި ވޯޓެއް ނުދެއްވަ އެވެ.
މި ބިލާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އިއްޔެ ބޭއްވި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ގިނަ މެންބަރުން ވާހަކަ ދެއްކީ ބިލާ ދެކޮޅަށެވެ. އެނގިފައިވާ ގޮތުގައި އެއިން އެއް މެންބަރަކީ އަޒާނެވެ. އެ ބިލާ ގުޅޭ ގޮތުން ޕީއެންސީގެ އިތުރު މެންބަރުންގެ މެދުގައި ވެސް ނުތަނަވަސްކަން އޮތެވެ.
އެކަމަކު، އެ ބިލަށް ތާއީދުކުރަން ޕީއެންސީގެ ލީޑާޝިޕުން ނިންމައި، އެ ބިލަށް ވޯޓުދޭން އެ ޕާޓީގެ މަޖިލީސް މެންބަރުންނަށް ރޭ އެންގި ކަމަށްވެ އެވެ.
މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށެވެ.
ޕީއެންސީގެ ގިނަ މެންބަރުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވީ ވެސް، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް، އެ ފަނޑިޔާރުން ވަކިކުރެވޭ ގޮތަަށް މި ބިލު ހުށަހެޅުމެވެ.