
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން، ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 ޕަސަންޓު ޑިޖިޓަލް އިގްތިސާދުން ހިއްސާކުރާ މިންވަރަށް އިތުރުކުރުމެވެ.
މިކަން ހާސިލުކުރުމަށް ގާނޫނީ އޮނިގަނޑު ވަރުގަދަކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްގެ ބިލު ފިޔަވައި އެހެން ހުރިހާ ބިލުތަކާއި ގަވާއިދުތަކެއްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ގާނޫނަށްވެސް އިސްލާހު ގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެ ތެރޭގައި "މައި ކައުންސިލް" ގެ ނަމުގައި އާ ޕްލެޓްފޯމެއް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ހޯމް މިނިސްޓަރު ބުނެފައިވެއެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ހުރިހާ ކައުންސިލްތަކެއްގެ ހިދުމަތްތައް އެއް ވިއުގައަކުން ލިބޭނެއެވެ.