ads
ފުނަމާ
ސިއްރު - 29 ވަނަ ބައި
އެޕިސޯޑް 29
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

"ހަމަޖެހޭ-! ހަމަޖެހޭ-! ސިކުނޑި މައިތިރިކޮށްލާ..! އަހަރެންގެ ލޯބި ލޯބި އެއިންސްޓައިންގެ ސިކުނޑި މޮޔަވާވަރަށް ބޭނުންކުރުމުގެ ކުރީން ބުނެދީފާނަން..! މިއީ ކޮންފެރެންސް ކޯލެއް..! މި ކޯލްގައި މިތިބީ އަހަރުމެން ތިން މީހުން.." ކާމިލްގެ އަޑާއެކު ފުން ނޭވާއެއް ލެވުނެވެ..  

އަހަރެންގެ ހަޔާތުގައި މިވަގުތު ހަމައެކަނި އުއްމީދެއްގެ ގޮތުގައި ފެންނަ ދެ މީހުން، އަހަރެންގެ މަތީން މިވަގުތުވެސް ހަނދާން ނައްތާނުލަ އެވެ. އެއްކަމެއް ޔަގީނެވެ. ތަފާތު ނަންނަމުން އަހަންނާއި މުހާތަބްކުރުމުގެ ހާއްސައެވޯޑެއް ދޭނަމަ، އެއީ ހަމައެކަނި ކާމިލްގެ ހައްގެކެވެ. 

"އުދުހިފައި އައިސް ހަމަބިމަށް ތިރިވެބަލަ ރިދީ..!" ހިޔާލްގެ ތެރެއިން އަހަރެން ނެރުނީ އިކާން އެވެ. 

"އޯހް.. ޔެއާ... ސޮރީ..! ހައި..!" ދުލަށް އައިގޮތަށް ޖަވާބު ދިނީމެވެ.

"ރިދީ... އަރ ޔޫ އޯކޭ..؟" ޝައްކުން ފުރިގެންވީ ސުވާލެކެވެ. ކާމިލްއަށް ދޭނެ ޖަވާބެއް ވިސްނަން ޖެހުނެވެ.

"ޔާ..! ޔާ..! އަހަރެން ރަގަޅު.. ހުރިހާ ކަމެއްވެސް ރަގަޅު..!" އަހަރެންގެ ހާލު މުޅިން ރަގަޅުކަން ބުނެދެވޭތޯ، އިހްސާސްތަކުގައި މަލަންއަޅަން މަސައްކަތްކުރީމެވެ. 

"ފޭކް ހިތްހަމަޖެހުމާއި އުފާ އަދި ފޭކް އިހްސާސްތަކާއި ހިތްވަރުގަދަކަން ދެއްކުމުގެ އެކްޓިން އަހަރުމެންގެ  ހާޒިރުގައި ކުރާނެކަމެއް ނެތް! އަހަރެން ބުނިންދޯ އަހަރުމެންގެ މިއީ މުޅި އުމުރަށް އޮތް ދާއިމީ ގުޅުމެކޭ...! މި ގުޅުން ދުރުކުރެވޭނެ މީހަކު ވުޖޫދުގައި ނުހުންނާނެ.." އިކާން ބުނެލިއަޑު އިވުނެވެ.

"ވެއިޓް..! މިހާރު ތި ވަންނަނީ އަހަރުމެން ދެމީހުންގެ ދެމެދަށް.. މުޅި އުމުރަށް އޮންނަ ދާއިމީ ގުޅުމަކީ އަހހަރެންނާއި ރިދީއާއި ދެމެދު އޮންނަ ގުޅުމެއް.. މިހާރު ތިއުޅެނީ އެކަމުގެ ކޮޕީރައިޓްސްވެސް އަމިއްލަކުރަން ދޯ..! ރިދީގެ ހަޔާތުން އަހަރެންގެ މަގާމު ޖަހައިގަންނަން އިކާން ހިތަށްވެސް ނާރުވާތި! އެކަން ވިޔަކަ ނުދޭނަން..! ރިދީއަކީ އަހަރެންގެ ޖާނޫ..! އެހެން އެއްވެސް މީހަކަށް އެ  ޝަރަފެއް ނުލިބޭނެ..!" އާދައިގެ މަތީން އެންމެ މުހިއްމު ޒުވާބު އިކާން އާއި ކާމިލް ފެށި އެވެ.

އެދެމީހުން، އަހަރެންގެ މިލްކްވެރިކަމާމެދު ކުރާ ޒުވާބަކީ ދުވަހަކުވެސް ނިމުމެއް ނެތް ކަމެކެވެ. 

"އޯކޭ-އޯކޭ-އޯކޭ... އެއީ ތިބާގެ ކޮއްކޮ! އެންމެ ރަގަޅުތަ؟ އުފާވެއްޖެތަ..؟ ހިތްހަމަޖެހިއްޖެތަ..؟" ކާމިލް ރުޅިއަރުވާލަން އިކާން މަސައްކަތްކުރާހެން ހީވި އެވެ.

މި ދެ ފިރިހެނުން ކޮންފެރެންސް ކޯލް ކުރި ސަބަބާމެދު ވިސްނާލަން ޖެހުނީ ވަކި މައުލޫއެއް ނެތި ޒުވާބުގައި ގިނނަ ވަގުތު ހޭދަކުރަން އުޅުނީތީ އެވެ. ދެމީހުން ކުރަމުން ދިޔައީ ނިމުމެއް ނެތް ބަހުސެކެވެ. އެކަކަށްވުރެން ބޮޑަށް އަނެކަކު އަހަރެންދެކެ ލޯބި ވާކަމަށް ދައުވާކުރި އެވެ. ދެމީހުންގެ މަގްސަދު ވިސްނާލަން އަހަރެން ވަގުތު ބޭނުންވި އެވެ. އަހަރެންގެ މޫޑް ބަދަލުކޮށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވޭތޯ ދެމީހުން ގަދައަޅައި މަސައްކަތްކުރަނީ އެވެ. 

ﷲގެ ހަޒްރަތަށް ޝުކުރުވެރިވީމެވެ. މި ދެ އިންސާނުން އަހަރެންގެ ހަޔާތުގެ މި ދަނޑިވަޅުގައި ނެތްނަމަ، އަހަރެންގެ ހާލަކީ ކޮބައި ހެއްޔެވެ؟ ދެލޮލުން ފެންހިކޭނެ ވަގުތެއް ނާންނާނެކަން ޔަގީނެވެ. 

ނަމަވެސް މިހާރު އަހަރެންގެ ސިކުނޑި އެކަނިވެރިކުރާނެ އެންމެ ވަގުތެއްވެސް ނާދެ އެވެ. ވިސްނާލީމެވެ. ކޮންމެވެސް މުހިއްމު ސަބަބެއް ނެތި މިވަގުތު ކޮންފެރެންސް ކޯލް ނުކުރާނެކަމަށް ސިކުނޑި ބުނެލި އެވެ.

"ގައިޒް- ގައިޒް.. ހަގީގަތުގައި މިވަގުތު ކޮންފެރެންސް ކޯލް ކުރުމުގެ ބޭނުމަކީ ކޮބާ..؟ ކޮންމެވެސް އެއްޗެއް ތި ދެ މީހުން ބުނަން އުޅޭހެން ހީވަނީ ކީއްވެ؟" ޝައްކު އުފެދުމުން ސުވާލުކޮށްލީމެވެ.

"ހަގީގަތުގައި މި ކޯލް ކުރީ ވަކި ބޭނުމެއްގައި.. ރިދީއާއި މުހިއްމު ވާހަކައެ ހިއްސާކޮށްލަންވެގެން..!" ބުނަން ބޭނުންނުވާފަދަ ގޮތަކަށް، އިކާން ބުނެލި އެވެ. ކާމިލްގެ ހިމޭންކަން އަހަންނަށް ފާހަގަކުރެވުނީ ތަފާތު ގޮތަކަށެވެ. ހިތަށް ފަސޭހައެއް ނުވި އެވެ.

"ހޫމް...! ބުނެބަލަ..! ކޮންމެ ވާހަކައެއްވެސް ތި ދެމީހުންނަށް ދެއްކޭނެ.. އަހަރެން ނުހުއްޓުވާނަން..!" އަހަރެން ބުނީމެވެ. 

"އެކްޗުއަލީ، އާފްޓަރ ލީވިންގ ޔޯ ހައުސް..، އޫމް.. އޫމް..." އިކާން ބުނަން އުޅޭ އެއްޗެއް އޭނާގެ ދުލަށް ނުގެނެވިގެން އުޅޭއުހެން ހީވި އެވެ.

"އިކާން...! ބުނަން އުޅޭ އެއްޗެއް ތަންކޮޅެއް ހަމަޖެހިލާފައި ބުނެބަލަ..! އަހަންނަކަށް ލަހެއް ނުވޭ.. ތާކަށް ދާން ގަޑިއެއްވެސް ނުޖެހޭ.." އަހަރެން ބުނީމެވެ.

"އޯ-ކޭ..! ތިގޭން ނިކުމެގެން އޭރު އަހަރެން ދިޔައީ މީޓިންގއަކަށް.. އެއީ އަހަރެން އަތުން މީހަކު ނަގާފައި ހުރި ފައިސާތަކެއްގެ މައްސަލައިގައި... މީޓިންގ އޮތީ އެހާ ޑީސެންޓް ތަނެއްގައި ނޫން.. އެއީ މަޝްހޫރު ގޭންގަކުން، ނަމެއްގައި ހިންގާ 'ރރެސްޓޯރެންޓެއް'..! އެތަނުގައި ހިނގާ ކަންކަމާއި އެތަނުގައި ލިބެންހުންނަ ތަކެތީގެ ވާހަކަ އަހަރުމެން މިހެން ފޯނުން ކޮންމެހެން ނުދެއްކިޔަސް، ރިދީއަށް ވިސްނޭނެކަމަށް އުއްމީދުކުރަން..!" އިކާންގެ އަޑުގައި ސީރިއަސްކަމާއި ކަންބޮޑުވުން ހިމެނުނެވެ.

"އަސްލު.. އޫމް...! އަހަރެންގެ ޕޮއިންޓަކީ، އެތަނުން އަހަންނަށް އީތަން ފެނުނުކަން..! އެއްވެސް މީހަކު.. މިބުނީ އީތަންއާއެކު އެއްވެސް އަންހެން ކުއްޖަކު އެތަނުގައި ހުރިކަން އަހަންނަކަށް ޔަގީނެއް ނޫން.. މީހަކާއެކު އެތަނަށް ގޮސްފައި އިންހެނެއްވެސް ހިޔެއް ނުވޭ..! ހީ ވޯޒް އެލޯން..! އަހަރެން އެތަނުން ނިކުތްފަހުން އީތަން ކައިރިއަށް މީހަކު އައިކަމެއް ނުވަތަ ގެނައިކަމެއް އަހަންނަކަށް ނޭގޭ..! އިތުރު ކަންތައްގަނޑެއް އެތަނުގައި ހިންގާލުމުގެ ކުރިން އަހަރެން އެތަނުން ނިކުމެގެން ހިގައްޖައިން..." އިކާން ވާހަކަދެއްކީ ސީރިއަސްކަމާއެކު އެވެ.

"އެހެންވީމައި، އަހަރުމެން ބޭނުމީ ރިދީގެ ސަމާލުކަމަށް މިކަން ގެންނާން.. މާނައަކީ އަސްލު، އީތަންއަކީ އަހަރެންގެ ބެސްޓްފްރެންޑް! އެތެރެއާއި ބޭރުފުށުން އަހަރެން ވަރަށް ރަގަޅަށް އީތަން ދަންނަން..! ރިދީ...! މިރޭ އީތަންގެ ލޮލުން އަހަންނަށް ފެނުނު އިހްސާސްތައް ދުވަހަކުވެސް އޭނާގެ ލޮލުން އަހަރެން ނުދެކެން.. ހުވާކޮށްފާ ބުނަންކެރިދާނެ އެ އިހްސާސްތަކަކީ ހަމައެކަނި ރިދީއަށްޓަކައި އޭނާގެ ލޮލުގައިވި ޖަޒްބާތުތަކެއްކަމަށް..!  ޔަގީންކޮށް ބުނަން، މިއީ އެފަދަ އިހްސާސެއް އީތަންގެ ކިބައިގައި އަށަގަތް ފުރަތަމަ ފަހަރު! އީތަންއަކީ އިހްސާސާއި ޖަޒްބާތު ދަންނަ މީހެއްނޫން.. އެފަދަ ކަންކަން 'ހެނޑްލް'ކުރާން އީތަންއަކަށް ނޭގޭނެ.. އަސްލު މިގޮތަށް ގުޅަން މިޖެހުނު ސަބަބަކީ...!" އިކާންގެ ވާހަކަ މެދުކަނޑާލީ ކީއްވެކަމެއް ނޭގުނެވެ.

އަހަރެން ގާތުގައި އެއްވެސް ވާހަކައެއް ދައްކަން މިފަދަ ގޮތަކަށް އިކާން ޖެހިލުންވިކަން ފާހަގަކުރެވިފައެއް  ނެތެވެ. 

"ސާފުކޮށް އިކާން ބުނެދީފާންނަތަ..؟ އަހަންނަކީވެސް ބައެއްކަހަލަ ކަންކަމުގައި މާބޮޑަށް ކެތްތެރި މީހެއް ނޫން..!" ވަރަށް ސީރިއަސްކޮށް އަހަރެން ބުނީމެވެ.

"ހަގީގަތަކީ... ރިދީ..! ރިދީއަށްޓަކައި އަހަރުމެންގެ ހިތުގައި ބިރު އުފެދުނިތީވެ..! ހިތަށް އަރަކީ 'ޖެލަސްވެގެން' ނުނަގަންޖެހޭ ފިޔަވަޅެއް އީތަން ނަގާފާނެތީ..! ދުވަހަކު އޭނާއަށް އަމިއްލަ ނަފުސަށް މައާފްނުކުރެވޭވަރުގެ ކަމެއްވެސް އީތަން ކޮށްފާނެ.. އެފަދަ އިހްސާސްތަކެއް އޭނާގެ ކިބައިން މިރޭ ފެނިގެން އިކާން އެވާހަކަ އެ ދައްކަނީ..!" އިކާންގެ ވާޖިބު ފުރިހަމަކުރީ ކާމިލް އެވެ. 

ހިތާއި ހިތުން ﷲގެ ހަޒްރަތަށް އަހަރެން ދުއާ ދެންނެވީމެވެ. މި ދެ އިންސާނުން އަހަރެންގެ ހަޔާތުގެ ހިއްސާއެއްކަމުގައި މިންވަރު ކުރެއްވީތީ އެވެ. 

"މިރޭން ފެށިގެން އަހަރެން އިތުރަށް ފަރުވާތެރިވާނަން.. ތެންކިޔު ސޯ މަޗް ގައިޒް..!" ބުނާނެ އިތުރު އެއްޗެއއް ނުވިސްނުމުން އަހަރެން ބުނެލީމެވެ. 

"އަހަރުމެން ދެމީހުންގެ ހައްގުގައި ވައުދުވޭ، މިރޭގެ މިވަގުތުން ފެށިގެން އީތަންއާއި މާބޮޑަށް ގާތް ނުވާނެކަމަށް.. އަދި ރިދީއާއި ގާތްވުމުގެ ފުރުސަތުވެސް އީތަންއަށް ނުދޭނެކަމަށް..! މާނައަކީ، ނުރައްކާ އަދި ނުރަގަޅު ފިޔަވަޅެއް ދިރީ ނުނަގައްޗޭ..! ކޮންމެ ކަމަކަށް ވިސްނާފައި ސަމާލުވައްޗޭ..! ވައުދުވޭ..!" އިކާންގެ އަޑު ކޮންމެވެސް ވަރަކަށް ތުރުތުރުއަޅާ އެވެ. އިކާން މިހައި ބިރުގަނެފައިވަނިކޮށް އަހަރެން ނުދެކެމެވެ. 

"އިން ޝާ ﷲ އީތަންއާއި އަހަރެންނާއި ދެމެދުގައި ދުރުކަން ދަމަހައްޓާނަން.. ކުރިއެކޭ އެއްގޮތަށް ގާތްވިޔަކަ ނުދޭނަން.. އަދި އީތަންގެ ފޭކް އިހްސާސްތައް ހުއްޓުވާނަން..!" އެހެންގޮތެއް ނެތުމުން އަހަރެން ބުނީމެވެ.

"ދެޓްސް ލައިކް މައި...." 

"އަވަރ ރިދީ..!" އިކާންގެ ޖުމުލަ މެދުކަނޑާލާފައި ކާމިލް ބުންޏެވެ. ފުރަތަމަ ފަހަރަށް މި ދެއެކުވެރިންގެ މެދުގައި އަހަރެންގެ ހިއްސާ ހަމަހަމަކުރާން އެއްބަސްވުމުން ހިނިވެސްއައި އެވެ. އަހަރެންނާއެކު އިކާންވެސް ހީލި އެވެ.

"އެހެންވީމާ... ކިހިނެއްވާނީ މާދަމާ އަހަރުމެން ތިން މީހުން ދިމާވާން..؟ ހެނދުނު ޖޮގިންއަށް ދާންވީނުން..؟" ކާމިލް ބުނެލި އެވެ. 

"ގް-ރެ-އި-ޓް..!" ނުހަނު އުފަލުން އަހަރެން ބުނީމެވެ. ބޯހަމަޖައްސާލަން އެއަށްވުރެން ރަގަޅުގޮތެއް ނެތީތީ އެވެ. އީތަން މޮންސްޓޓަރ މަނިކުގެ ވޭންތަކުގެ ތެރެއިން މިންޖުވެގެން ހިތްގައިމު ވަގުތުކޮޅެއް، ދުވަހުގެ ފެށުމުގައި ހިމަނާލެވުމަށްވުރެން ބޮޑު އުފާވެރިކަމެއް  ނުލިބޭނެ އެވެ. 

"އެހެންވީމާ ހައެއް ޖަހާއިރު އަހަރުމެން ދެމީހުން ތިބޭނީ އިން ޝާ ﷲ ތިގޭ ދޮރުމަތީގައި.. ތައްޔާރަށް ހުންނާތި..! އޯކޭ..؟" އިކާން ލޯބިކޮށް އަހައިލި އެވެ. އަދި ޔަގީންކަންވެސް ދިނީމެވެ.

"އޯ-ކޭ ދެން ބޭބީ..! ޓޭކް ކެއަރ.. ވަރަށް އަރާމްކޮށް ނިދާލާތީ.. މަޗް ލަވ...

"ޝީ އިޒް ނޮޓް ޔޯ ބޭބީ..!" އިކާންގެ ޖުމުލައިގެ ތެރެއަށް ކާމިލް ވަދެގަތެވެ.

އުފާވެރި ހިނިތުންވުމާކާއެކު އަހަރެންގެ ދެ ލޯމަރައިލީމެވެ. މި ދެ ބެސްޓް ފްރެންޑުން ނެތްނަމަ، މިވަގުތު އަހަރެންގެ ހާލަކީ ކޮބައިކަން ހިތަށް ގެންނާންވެސް ނޭގެ އެވެ. މިފަދަ އެކުވެރިކަމެއްގެ ނަސީބު ލިބުނީ ކިހިނެއްކަންވެސް ނޭގެ އެވެ. 

ބަދަލަކަށް ކުޑަވެސް އުއްމީދެއް ނުކޮށް، އެމީހުންގެ ރައްކާތެރިކަމުގައި އަހަރެން ހިމާޔަތްކޮށްދެ އެވެ. އަނެއްކޮޅުން އަހަރެން އިންތިހާއަށް ލޯބިވަނީ އީތަން ދެކެ އެވެ. ދުނިޔޭގައި ލެއްވި ހުރިހާ ނަމެއްގެ ހިތާމައާއި ވޭނާއި ކެކުޅުން އީތަންގެ ފަރާތުން ރެއާއި ދުވާލު އަހަރެން މިދަނީ ތަހަންމަލްކުރަމުންނެވެ. އަހަރެންގެ ލޯތްބަށް އީތަން ކުޑަވެސް ގަދަރެއް ނުކުރެ އެވެ. އެކަމަކު އޭނާއަށް ނަފްރަތު ކުރުމަކީ އަހަރެންގެ އިހްތިޔާރުގައިވާ ކަމެއްނޫނެވެ. 

"އަހަންނަކީ މޮންސްޓަރއެއް... އަލިކަމުގެ ތެރެއިން ނެރި އަނދިރިކަމުގެ ތެރެއަށް ތަކުރާރުކޮށް ރިދީ ވައްޓާލާނެ މީހަކީ މި މޮންސްޓަރ..! އަހަންނަކީ އިންސާނުން ބިރުގަންނަފަދަ ކަޅު އަނދިރިކަމެއް.. މި މޮންސްޓަރ، ރިދީގެ ކޮންމެ އުފާވެރި ހިނިތުންވުމެއް ފަނޑުކޮށްލާނަން... ވާނުވާވެސް އަންގާނުލައި ރިދީގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލާނެ އަނދިރިކަމެއް އަހަންނަކީ.. ހަނދާންކުރާތި، ރިދީގެ ދިރިއުޅުން އަހަރެންގެ ދެއަތުން ބަރުބާދުކޮށްލާނަން.." 

ކަންފަތުގައި ގުގުމާލި ބިރުވެރި އިންޒާރުތަކުން އަހަރެންގެ ދެ ލޯ މަރައި ތަގުޅިކޮށްލަމުން ބްލޭންކެޓް ގެނެސސް ބޮލާއެކު އެޅީމެވެ. ލޮލުގެ ހިމަކޮޅުން ހޯސްލާފައި އޮހޮރިގަތް ކަރުނައަށް ބާރެއް ނުފޯރުވުނެވެ. 

................

އަހަރެންގެ ދެ އަތް އައްސިވެގެން ނިދީން ހޭލައްވާލައިފި އެވެ. އަދިވެސް ދެ ލޮލުގައި އިންތިހާއަށް ނިދި އެބަހހުއްޓެވެ. އެކަމަކު ލޯ ހުޅުވާން މަޖުބޫރެވެ.

ފާރުގައި ހަރުކޮށްފައި އިން ޑިޖިޓަލް ގަޑިއަށް ބަލައިލީމެވެ.

ހަތަރުގަޑި ތިންމިނެޓް ހިނގައިފި އެވެ. އީތަންގެ އިންޒާރުތަކުގެ ސަބަބުން އެތައް އިރަކު ރޮއެފައި އަހަންނަށް ނިދުނީ އެގާރަޖެހިފަހުންނެވެ. ގަޑީން ވީ އިރެއް، ޔަގީންކޮށް ބުނާކަށް ނޭގެ އެވެ. އާފުރެލަމުން ލޯ ހުޅުވޭތޯ ބެލީމެވެ. އެކަމަކު ދެއަތް މިވަރަށް އައްސިވެ ތަދު މިވަނީ ކީއްވެތޯ ބެލުމުގެ ޝައުގުވެރިކަމާއެކު އަތް ހަރަކާތްކޮށްލީމެވެ. އަޖައިބުވެ، އަންތަރީސްވި އެވެ. އަހަރެންގެ ދެއަތުންކުރެ، އެންމެ އަތެއްވެސް ގުޑުވައެއް ނުލެވުނެވެ. ދެ އަތް ވަނީ މަޖުބޫރީ ބާރަކުން އެނދުން ތިރިއަށް ދަމައިގަނެ ހައްޔަރުކޮށްފަ އެވެ. ދެ ލޯ ބޮޑުކޮށްލެވުނީ އިހްތިޔާރަކު ނޫނެވެ. 

އަނދިރީގެ ތެރެއިން އެއަރކޯންގެ ލައިޓް، އަދި ޑިޖިޓަލް ގަޑީގެ ނަމްބަރުތަކުގެ ފަނޑުއަލީގައި ދެ ލޯ ހަމަޔަކަށް އަޅުވާލީމެވެ.

އަހަރެންގެ އެއް އަތުގައިވަނީ ބާރަށް ހިފަހައްޓާފަ އެވެ. އަނެއް އަތުގައި އޮތީ މީހަކު ބޯއަޅައިގެންނެވެ. ފުންމައިގެން ތެދުވެ، އެނދާއި ދިމާއިން ތިރިއަށް ބަލައިލީމެވެ. (ނުނިމޭ)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް